ރާއްޖޭގެ އެއްވެސް ރަށެއް ފަޅެއް ނުވޭ، ފިޔަވަޅުތައް ހަރުދަނާ: ކެލާ މެމްބަރު
ކޮވިޑް19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކަމަށާއި، ބަލީގެ ސަބަބުން ރާއްޖޭގެ އެއްވެސް ރަށެއް ފަޅުވެފައި ނުވާ ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ. މެމްބަރު އެހެން ވިދާޅުވީ ކޮވިޑް19 ގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމާއި، ލ. މާވަށުގެ ހާލަތު ގޯސްވެ ހިތަދުއާއި އަތޮޅުތެރޭގެ އިންތިޒާމުތަކުގައި ހުރި މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. ކޮވިޑް މެނޭޖުކުރުމަށް ސަރުކާރަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅޭ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވުމާ ގުޅިގެން، އެކަމަށް ރައްދު ދެއްވައި މެމްބަރު ޝަރީފް ވިދާޅުވީ ސަރުކާރުން ކޮވިޑުގެ ހާލަތު ރާއްޖޭގައި މެނޭޖުކުރަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ދުނިޔޭގައި ކޮވިޑްގެ ހާލަތު މޮނިޓާކުރަމުން އަންނަ ޑަބްލިއުއެޗްއޯ ފަދަ ތަންތަނުން ވެސް ރާއްޖޭގައި ކުރާ މަސައްކަތަށް ތައުރީފުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. "އަދި ހަމަ އެއާ އެއްކޮށް ދުނިޔޭގެ އެހެން ގައުމުތަކުން އަޅުގަނޑުމެންގެ ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި، އެހެން ވެސް ފަރާތްތައް އެ ބޭފުޅުން ދަނީ އަޅުގަނޑުމެންގެ މި ހަރުދަނާ ފިޔަވަޅުތަކަށް ބައްލަވައި، އިތުބާރުކުރައްވައި، އެ ބޭފުޅުން ޒިޔާރަތްކުރަމުންދަނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގައި އެޅިފައި އޮތް ފިޔަވަޅުތައް ވަރަށް ހަރުދަނާއޭ،" މެމްބަރު ޝަރީފް ވިދާޅުވި އެވެ. މެމްބަރު ޝަރީފް ވިދާޅުވީ، ދިވެހިން މިހާރު ތަހައްމަލުކުރަމުން އަންނަ ހާލަތަކީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން ކަމަށެވެ. ރާއްޖެއަށް ވުރެ މާ ބޮޑު، މާ މުއްސަނދި އަދި ތަރައްގީ ގައުމުތަކުގައި ވެސް މި ހާލަތު އޮތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ބައެއް ގައުމުތަކުގެ އަވަށްތައް ވެސް މުޅިން ފަޅުވެފައިވާ ކަމަށެވެ. "އެތާނގެ އެއްވެސް ބޭފުޅެއް ނުވަތަ އެއްވެސް ޖަނަވާރެއް އެއް ޗެއް ނޫޅޭ. އިޓަލީ ކަހަލަ ބައެއް ގައުމުތަކުގައި ތަންކޮޅެއް މުސްކުޅި އާބާދީގެ ތަންތަން އެބަތިބި ހަމަ އެއްކޮށް ފަޅުވެގެން ގޮއްސަ. އެކަމަކު އަޅުގަނޑުމެން ގައުމުގައި އެއްވެސް ރަށެއް ފަޅުވިކަމަކަށް އަޅުގަނޑުމެންނަކަށް އެނގިފައެއް ނެތް މިކަމުގެ ސަބަބުންނެއް،" މެމްބަރު ޝަރީފް ވިދާޅުވި އެވެ. މެމްބަރު ޝަރީފް އެހެން ވިދާޅުވި ނަމަވެސް، ދުނިޔޭގެ އެއްވެސް ހިސާބެއްގައި ކޮވިޑްގެ ސަބަބުން އާބާދީތައް މުޅިން ނެތި ދިޔަކަމަށް ފެންނާކަށް ނެތެވެ. "މިއީ ވާދަވެރިކަން ދޫކޮށް އެކުވެރިވާންވީ ވަގުތު" ސަރުކާރުން ކޮވިޑް މެނޭޖުކުރަނީ ރަނގަޅަށް ކަމަށް މެމްބަރު ވިދާޅުވި ނަމަވެސް، ރާއްޖެ އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް މެމްބަރު ވިދާޅުވި އެވެ. މެމްބަރު ވިދާޅުވީ "އޮޑި އަކަށް އަރައިގެން ފެތިގެންދާއިރު" އޮޑި ސަލާމަތް ކުރެވޭނީ އެންމެން ކުރާ މަސައްކަތުން ކަމަށެވެ. "އެހެންވީމާ، އަޅުގަނޑު ދެކޭ ގޮތުގައި އިދިކޮޅު ޕާޓީން ވެސް އަޅުގަނޑުމެންނާ އެއްކޮށް މި ވަގުތު މަސައްކަތްކުރަން އެބަޖެހޭ" މެމްބަރު ވިދާޅުވި އެވެ. މެމްބަރު ޝަރީފް ވިދާޅުވީ، އަމިއްލަ ރަށުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތް ވުމަށާއި ވެކްސިން ލިބެން ވެސް އިދިކޮޅު މެމްބަރުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ހުރިހާ ކަމަކީ ވެސް ފައިސާ ބޭނުންވާ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅުން މީގެ ކުރިން ބޭނުންވީ ހަމައެކަނި ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ކަމަށާއި، މިހާރު ދައްކަވަނީ އެހެން ވާހަކައެއް ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ. ކޮވިޑު ޖެހެނީ ވަކި ޕާޓީއެއްގެ މީހަކަށް ނޫން ކަމަށާއި، އެހެންކަމުން މިވަގުތު ހުރިހާ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް މެމްބަރު ވިދާޅުވި އެވެ. "އެހެންވީމާ، އަޅުގަނޑުމެން މި ހާލަތުގައި، މި ދުނިޔެއަށް ދިމާވެފައި އޮތް މި ދަތިއުނދަގޫ ހާލަތުގައި އަޅުގަނޑުމެން ސަރުކާރަށް އެހީތެރިވެ، އެ ބޭފުޅުން އެއްބާރުލުންދީ، މިކަމުން އަރައިގަތުމަށް އެކީގައި މަސައްކަތްކުރުމަށް އަޅުގަނޑު ދަންނަވަން،" މެމްބަރު ވިދާޅުވީ އިގްތިސޯދީ ކަންކަން ކުރަންޖެހޭ ކަމަށާއި، ބޭރުން ތަކެއްޗާއި ގެސްޓުން ނުގެނެސް ރާއްޖޭގެ އިގްތިސޯދެއް ނިހިފެހެއްޓޭނެ ކަމަށެވެ. "ސުނާމީ ކާރިސާގައި ވެސް ދިވެހީން ވަނީ ދިވެހީންގެ އެއްބައިވަންތަކަން ދައްކުވައިދީފަ. މިއަދު ގައުމު މި އޮތީ އެ ހާލަތުގައި. ސިޔާސީ ޕާޓީތަކުގައި ސިޔާސީ އެކި އެކި ވިސްނުންތަކެއް ހުއްޓަސް އެކަންކަން އެއްފަރާތްކޮށް ގައުމަށްޓަކައި އެއް ކޮމާންޑެއްގެ ދަށުން މަސައްކަތް ކުރަން އެބަޖެހޭ. އެހެންނޫނީ މިކަންތައް ކޮންޓްރޯލުން ނައްޓައިގެން ގޮސް އެތައް ބައެއްގެ ފުރާނަމަ މިދުނިޔެއާ ވަކިވެގެންދާނީ. އަދި ދިގު މުއްދަތުން ނޫނީ އިޔާދަ ނުކުރެވޭ ވަރަށް އަޅުގަނޑުމެންގެ އިގްތިސޯދަށް ގެއްލުންވާނެ،" މެމްބަރު ޝަރީފް "ސަން" އަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ