ބަހުސް މުބާރާތުން ޗެމްޕިއަން ޓީމަށް ލިބުނު ހުރިހާ ފައިސާ ސާއިދަށް ހަދިޔާކޮށްފި

''ފަހިދޫ ބަހުސް މުބާރާތް 1439'' ގެ ޗެމްޕިއަންކަން ހޯދި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމްއިއްޔާ، އެމްއެންޔޫއެސްޔޫ އަށް ލިބުނު ހުރިހާ ފައިސާއެއް ކިޑުނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކުޅިވަރު ޖާނަލިސްޓް ސާއިދު އަހުމަދަށް ހަދިޔާކޮށްފިއެވެ. އެ ބަހުސް މުބާރާތަކީ ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑު ގުޅިގެން ކްލަބްތަކާ އަދި ޖަމްއިއްޔާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެންއެންޔޫއެސްޔޫގެ ރައީސް އަރުޝަދު އަޝްރަފް ވިދާޅުވީ އެ ޓީމަށް ލިބުނު 18000 ރުފިޔާ ސާއިދުގެ އާއިލާއަށް މިރޭ ހަދިޔާކޮށްފައިވާ ކަމަށެވެ. ޕީއެސްއެމްގެ ކުޅިވަރު ޓީމުގެ ހީވާގި ނޫސްވެރިއާ ސާއިދު އަހުމަދުގެ ދެ ކިޑްނީވެސް ފެއިލްވެފައިވާތީއާއެކު އޭނާގެ ބައްޔަށް ފަރުވާކުރުމަށް އެހީތެރިވުމުގެ ގޮތުން ގިނަބަޔަކު ދަނީ ސާއިދުއަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. https://sun.mv/106699 ފަހިދޫ ބަހުސް މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިރޭ ދިވެހިރާއްޖޭގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެންޔޫއެސްޔޫއަށް ވަނީ 15000 ރުފިޔާގެ އިތުރުން ޓްރޮފީއެއްވެސް އިނާމުގެ ގޮތުގައި އަރުވައިފައެވެ. ފަހިދޫ ބަހުސް މުބާރާތުން ޗެމްޕިއަންކަން ހާސިލްކުރި އެމްއެންޔޫއެސްޔޫ ޓީމް--- ބަހުސް މުބާރާތުގެ ފައިނަލްގައި އެމްއެންޔޫއެސްޔޫ އިން ވާދަކޮށްފައިވަނީ ދިވެސް ޖަމިއްޔާއާއެވެ. އެމްއެންޔޫއެސްޔޫ މުބާރާތުގެ ފައިނަލަށް ގޮސްފައިވަނީ މުޅި މުބާރާތުގައި އެންމެ ގިނަ ޕޮއިންޓް ލިބިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ބަހުސްވެރިއަކަަށް ހޮވިފައިވަނީވެސް އެމްއެންޔޫއެސްގެ މެމްބަރެކެވެ. އެއީ މުހައްމަދު ޔާމީންއެވެ. އޭނާއަށް އިނާމެއްގެ ގޮތުގައި 3000 ރުފިޔާ މިރޭ ވަނީ އަރުވައިފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ