އުމަރު "ޒާތީ ވުމުން" އަދީބުގެ އަނބިކަނބަލުން ރަތަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަހުމަދު އަދީބު، ގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް، ވަރުގަދަ ރައްދެއް ދީ ފާޑު ކިޔައިފިއެވެ.
އުމަރު އަށް އަދީބުގެ އަނބިކަނބަލުން ނަޝްވާ ފާޑު ކިއުން އަމާޒުކޮށްފައިވަނީ، އަދީބަކީ ނިރުބަވެރިއެއް ކަމަށާއި އަދީބު އަބަދުވެސް އޮންނަވަން ޖެހިވަޑައިގަންނަވާނެ ތަނަކީ ޖަލު ކަމަށް އުމަރު ނަސީރު ވިދާޅުވެފައި ވަނިކޮށެވެ. އުމަރު ނަސީރު ވިދާޅުވީ އަދީބަކީ ރާއްޖޭގައި މިހާތަނަށް ނުއުފެދޭ ވަރުގެ ބޮޑު ކުށްވެރިއެއް ކަމަށެވެ.
"އެމްއެންޑީއެފްގައި އުޅުނީތީ ބިންދާލީ މީހެއްގެ މައިބަދަ. މިނިވަން 50 ގަ އެއްކޮށް ކޮރަޕްޝަން، ހޯމް މިނިސްޓަރުގައި ހުރެގެން ބޮން ހެދި މީހާ ދޫކޮށްފަ މި ކިޔަނީ އަދީބު އުމުރަށް އޮންނަން ވީ ޖަލު ގަ އޭ. އޭނަ އަށް ސުޕްރީމް ކޯޓު ހުކުމް ގޯސް،" ނަޝްވާ ކުރި ޓްވީޓެއްގައި ވެއެވެ. "ޒާތީ ވިޔަސް މީ ބޮޑުވަރު" ނަޝްވާ އިތުރަށް ބުނެފައިވެއެވެ.
އަދީބާ ސިޔާސީ ގޮތުން ވަރަށް ބޮޑު ވާދަވެރި ކަމެއް އޮތް އުމަރު މީގެކުރިން ވިދާޅުވެފައިވަނީ، އަދީބު ވަނީ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމަށާއި އެމަނިކުފާނަށް ސީދާ އިންޒާރު ދެއްވާފައި ކަމަށެވެ. ފެބްރުއަރީ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ސިޔާސީ ބައެއް ލީޑަރުން ދޫކޮށްލަން އަމުރުކޮށްފައިވާއިރު އޭގެ ތެރޭގައި އަދީބުވެސް ހިމެނެއެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި އަދީބުގެ ނަން އޮތުމުން ހައިރާންވެވަޑައިގެންނެވި ކަމަށް ވިދާޅުވެ އުމަރު ނަސީރު ވަނީ އަދީބަކީ ކޮރަޕްޝަންގެ "ބައްޕަ" ކަމަށް ސިފަ ކުރައްވާފައެވެ.
ޖިނާއީ ބޮޑެތި ކުށްތަކެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވެފައިވާކަން އޭނާގެ އާއިލާއިން ފާހަގަކުރެއެވެ. އޭގެ ތެރޭގައި ކިޑްނީގައި ހިލަ އުފެދުމާއި، އެތެރެހަށީގައި ސިސްޓް އުފެދުމާއި، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ޖެހުން ހިމެނެއެވެ. ނަމަވެސް މިކަންކަމަށް އެކަށީގެންވާ ފަރުވާ އަދީބަށް ނުލިބޭ ކަމަށް ބުނެ އާއިލާއިން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ