ރޫހު ވަނީ ރާއްޖޭގައި، ވަރަށް އަވަހަށް ބައްދަލުކުރާނަން: ގާސިމް

ދިވެހިންގެ ގައުމު އަނބުރާ ދިވެހިންނަށް ލިބޭކަށް މާގިނަ ދުވަހެއް ނެތް ކަމަށާއި ވަރަށް އަވަހަށް ދިވެހިންނާ އަލުން ބައްދަލު ކުރުމަށް އުންމީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ސުނާމީ ކާރިސާއަށް 13 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ގާސިމް މެސެޖެއް ދެއްވަމުން ވިދަޅުވީ ކަމެއް ހާސިލް ކުރަން ބޭނުން ނަމަ އެކަން ކާމިޔާބު ވާނީ މަސައްކަތް ކޮށްގެން ކަމަށާއި ބޭނުންވާ ކަންކަން ހާސިލު ކުރުމަށް ވަރުބަލިވުމެއް ނެތި ހިތްވަރާއެކު ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އުނދަގޫތަކާއި ބިރާއި ސިހުން ފަހަނައަޅާ ދާން ޖެހޭ ކަމަށާއި އުންމީދުގެ ކުޑަ އަލިކަމެއް ވެސް ފެންނާނީ އެފަދަ ގޮތަކަށް ފިޔަވަޅެއްގެ މައްޗައް ފިޔަވަޅެއް ނަގައިގެން އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
"އިރާދަކުރެއްވީއާ ދިވެހިން ބޭނުންވާ ދިވެހި ގައުމު ދިވެހި ރައްޔިތުންނަށް ލިބޭކަށް މާގިނަ ދުވަހެއް ނެތް، އަޅުގަނޑުގެ ރޫހު އަބަދުވެސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނާ އެކު އަޅުގަނޑު އެންމެ ލޯބިވާ ދިވެހި ރާއްޖޭގައި، އަޅުގަނޑު މިހުރީ ތިބޭފުޅުންނާ ވަރަށް އަވަހަށް ބައްދަލު ކުރެއްވުމުގެ އުންމީދުގައި،" ގާސިމް ވިދާޅުވި އެވެ.
ސުނާމީގެ ކާރިސާއިން ރާއްޖެ އަރައިގަތުމަށް ކުރެއްވި ދަތުރާއި ބޭރުގެ އެހީ ހޯދުމަށް ކުރި މަސައްކަތުގައި އަމަލީ ގޮތުން އިސް ސަފުގައި މަސައްކަތް ކުރުމުގެ ފުރުސަތު އެމަނިކުފާނަށް ލިބުނު ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ދިވެހިން ތިބި ހާލަތު ބޭރު ދުނިޔޭގެ ސަމާލު ކަމަށް އައި ގޮތާއި ރާއްޖެއަށް އެހީ ދިނުމަަށް އެހެން ގައުމުތަކުން އިސްކަންދީ ދިވެހިންގެ އަތުގައި ހިފި ސަބަބާއި އިގްތިސާދީ ބާގަނޑުތައް ބެއްދި ގޮތް އެނގިވަޑައިގަންނަވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
އެކަންކަމަށް ރިއާޔަތްކޮށް ގާސިމް ވިދާޅުވީ ރާއްޖޭގެ ހާރިޖީި ސިޔާސަތު ހަމައެކަނި ބޭރުގެ ދެތިން ގައުމުގެ ޝައުގާއި އެ މީހުންގެ މަސްލަހަތު ހިމާޔަތް ކުރަން ބައްޓަން ކުރާ ސިޔާސަތަކަށް ވެއްޖެ ނަމަ ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ސުނާމީއެރުން ފަދަ ދަނޑިވަޅުގައި ބާކީވެ އާދެހުގެ އަޑު އަހާނެ ބައެއް ނުހުންނާނެ ކަމަށެވެ.
ޖަރުމަންވިލާތުގައި މިވަގުތުގަ ހުންނެވި ގާސިމް މިރޭ މެސެޖެއް ދެއްވިއިރު އިދިކޮޅު އަނެއް ތިން ލީޑަރުން ވެސް ވަނީ މެެސެޖެއް ދެއްވައި އިދިކޮޅު ކޯލިޝަން އޮތީ ބަދަހިކޮށްކަން ހާމަކުރައްވާފަ އެވެ. އަދި އެ ހަތަރު ބޭފުޅުންގެ އަމާޒާއި މަސައްކަތް ހުންނެވީ އެއް މިސްރާބަކަށްކަން ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ