ގައުމެއްގެ އިގްތިސާދެއްގެ މައި އިންޖީނަކީ އެ ގައުމެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށް، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު މިހެން ވިދާޅުވީ، އޭނާގެ ސަރުކާރެއްގެ ސިޔާސަތުތައް ހާމަ ކުރެއްވުމަށް ސިލްސިލާކޮށް، ފޭސްބުކް މެދުވެރިކޮށް، އޭނާ ނެރުއްވަމުން ގެންދަވާ ވީޑިއޯ މެސެޖުތަކުގެ ތެރެއިން މިއަދު ނެރުއްވި ވީޑިއޯ މެސެޖުގަ އެވެ. ރިޔާސީ އިންތިހާބުގައި އުމަރު ނަސީރު ބައިވެރިވެވަޑައިގަންނަވާނީ އަމިއްލަ ގޮތުންނެވެ.
އެ ވީޑިއޯގައި އުމަރު ވިދާޅުވީ، ގައުމެއްގެ އިގްތިސާދެއްގެ މައި އިންޖީނަކީ އެ ގައުމެއްގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކަމުގައި ވީނަމަވެސް، އެކަމަށް ރާއްޖޭގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެން ކަމުން އޭނާގެ ސަރުކާރެއްގައި ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ރާއްޖޭގައި ހުރި ގޮންޖެހުންތަކަކީ، މިހާރު ހެދިފައިވާ ވިޔަފާރި ގަވާއިދުތަކާ ދައްކަން ޖެހޭ ފީތަކުގައި ހުރި ދަތިކަމާއި ބޭންކު ލޯނެއް ހޯދުމަށް ބޭނުންވާ ރަޙުނު ހޯދުމުގަ އާއި އިކުއިޓީ ނުލިބުމުގައި ހުރި ދަތިކަމެވެ. އަދި ސަރުކާރުގެ ކޮންޓްރެކްޓުތައް ދޭ އިރު ބޭންކް ގެރެންޓީ ހުށަހަޅަން ޖެހުމުގައި ހުރި ދަތިކަމާއި ބޮޑެތި ވިޔަފާރިތަކާ ވާދަ ކުރަން ޖެހޭގޮތަށް އޮންނަ އޮތުމާ އަދި މަސައްކަތް ކޮށް ނިންމާފައި ބިލު ހުށަހެޅުމުން ފައިސާ ދިނުން ލަސްކުރާ ލަސްކުރުމެވެ.
އުމަރު ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރެއްގެ އަމާޒަކަށް ވާނީ އެ ގޮންޖެހުންތައް ނައްތާލަދީ، ވިޔަފާރިތައް މެދުވެރިކޮށް ވަޒީފާތައް އުފައްދާ، ރާއްޖޭގެ އިގްތިސާދީ އިންޖީނުގެ އެބުރުން ހަލުވިކުރުން ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއި ދިނުމަށްޓަކައި، މިހާރު ހެދިފައި ހުރި ގަވާއިދުތައް މަދުކުރުމެވެ. އަދި ސަރުކާރަށް ދައްކަންޖެހޭ ފީތަށް ކުޑަކޮށްދިނުމުގެ އިތުރުން، ސަރުކާރުން ހޯދާ ހިދުމަތަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާ، ބިލް ފޮނުވާތާ 25 ދުވަހުގެ ތެރޭގައި ދެއްކުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ މައްޗަށް އޭނާގެ ވެރިކަމެއްގައި މަޖްބޫރު ކުރާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ސަރުކާރުން އާންމު ފަރާތްތަކަށް ނުދައްކާ ހުރި ބިލްތަކަށް ދައްކަންޖެހޭ ފައިސާ އޭނާގެ ސަރުކާރެއްގެ ފުރަތަމަ އަށް މަސް ތެރޭގައި ނިންމައި ހަލާސް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަސައްކަތުގެ އުޖޫރަ 25 ދުވަހުގެ ތެރޭގައި ދޭން މުއައްސަސާތަކަށް މަޖުބޫރު ކުރާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ