ސްކޫލް ދޮރުގެ ބިއްލޫރިގަނޑު ތެޅި ފުވައްމުލަކު ކުއްޖެއްގެ އަތުގެ ނާރުތައް ބުރިވެފައި

ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލްގެ ދަރިވަރުންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި، ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އަތުގެ ނާރުތައް ބުރިވި ކުއްޖަކަށް ފަރުވާ ދޭން މާލެ ގެނެސްފި އެވެ.
މިދިޔަ އަންގާރަ ދުވަހު ހިނގި ހަމަނުޖެހުމުގައި ޒަހަމްވި 13 އަހަރުގެ ފިރިހެން ކުއްޖާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގަ އެވެ. އެތަނުގައި ނާރުގެ ހާއްސަ ޑޮކްޓަރެއް ނެތުމުންނާއި ކުއްޖާ އަށް ލިބިފައި ހުރި އަނިޔާ ސީރިއަސް ކަމުން ފަރުވާ އަށް މާލެ ފޮނުވީ އިއްޔެ އެވެ.
ޒަހަމްވި ކުއްޖާގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ މި ހާދިސާ ހިނގީ ކުއްޖާ ކްލާހުގައި ހުރެފައި ކުނި އަޅަން ޑަސްބިން ކައިރިއަށް ދިޔަ ތަނާ އެ ދަރިވަރު ކްލާހަށް ވަނަ ނުދޭން އެހެން ހަތަރު ކުއްޖަކު މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.
"ހަތަރު ކުއްޖަކު ދޮރު ކައިރީގައި ލެނގިގެން ތިބި ކަމަށް އޭނަ (ޒަހަމްވި ކުއްޖާ) ބުނީ. ދޮރު ހުޅުވަން ބުނީމަ، އެ ކުދިން އެއްވެސް ގޮތަކަށް ނުހުޅުވި،" އާއިލާގެ މެމްބަރަކު ބުންޏެވެ.
އޭނާ ބުނި ގޮތުގައި އެ ވަގުތު ކްލާހުގައި ޓީޗަރަކު ނެތެވެ.
"ކްލާހަށް ވަންނަން މަސައްކަތް ކުރަނިކޮށް، ދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް ކުއްޖާގެ އަތަށް ވަދެ ސީރިއަސް އަނިޔާތަކެއް ލިބުނީ،" ޒަހަމްވި ކުއްޖާގެ އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ހާދިސާ ހިނގީ ޓީޗަރަކު ނެތި، ދަރިވަރުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާފައި ތިބުމުން ކަމަށް ބުނެ ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ހާފިޒު އަހުމަދު ސްކޫލުން ބުނީ އެކަމާ ވާހަކަ ދައްކާނީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެކަން ހިނގީ ދެ ޓީޗަރުން ބަދަލުވި ގަޑީގައި ކަމަށެވެ. މިނިސްޓްރީން ވެސް ބުނީ މިކަން ދިމާވީ ދަރިވަރު ކްލާހަށް ވަންނަން ދޮރު ހުޅުވަން މަސައްކަތްކުރުމުގެ ތެރޭގައި ކަމަށެވެ.
ޒަހަމްވި ކުއްޖާގެ އަތުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ވަނީ ކޮށްފަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނީ އެ ފިރިހެން ކުއްޖާގެ އެއް އަތުގެ ނުވަ ނާރާއި އަނެއް އަތުގެ އެއް ނާރު ބުރިވެފައިވާ ކަމަށެވެ. އެކަމަކު، އޮޕަރޭޝަންކޮށް، ޕްލާސްޓަރު އެޅި ފަހުން ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ