ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަސްބީ އަންހެނަކާ އެކު ޖިންސީ ގުޅުން ހިންގަމުންދަނިކޮށް ނަގާފައިވާ ކަމަށް ބުނާ ވީޑިޔޯއަކީ ސައްހަ އެއްޗެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް އެ ވީޑިއޯއާ ބެހޭ އެއްވެސް މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެ ވީޑިއޯ ބައްލަވާފައި ވެސް ނުވާނެ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވާތީ ޖޭއެސްސީގެ މެންބަރުކަމުން ވަކިވެވަޑައިގަތް ކަން އިއުލާން ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް ވިދާޅުވީ އަލީ ހަމީދު ހިލޭ އަންހެނަކާ އެކު ނަހަމަ ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގެ މައްސަލައަކީ "ދޮގު ވީޑިއޯއެއް" ކަމަށް ވިދާޅުވީ ކުރީ ސަރުކާރުން މާޒީގައި ކަންކޮށްފައިވާ ގޮތުން މީހަކު ބްލެކް މައިލް ކުރުމަށް ވެސް ކުރި ކަމަކަށް ވެދާނެތީ ކަމަށާއި ނަމަވެސް އެ ވީޑިއޯ ދެކެވަޑައިގެންފައި ނުވާ ކަމަށެވެ.
"އަޅުގަނޑު އޭރު ބުނިން އެ [އަލީ ހަމީދުގެ ވީޑިޔޯ] ގަބޫލު ނުކުރާ ވާހަކަ. އެއީ ރަނގަޅު ވީޑިއޯއެއްކަމަށް އަޅުގަނޑު ނުދެކޭ ވާހަކަ. އޭރު އެއްވެސް ކަހަލަ މައުލޫމާތެއް ނެތް. ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ސުޕްރީމް ކޯޓުގައި ތަޅުއަޅުވާ، ޖުޑިޝަލް ސާވީސް ކޮމިޝަން އުވާލާ، ފަނޑިޔާރުން ހުވާކުރިޔަ ނުދީ އެކަހަލަ އެތައް މަސައްކަތްކަތެއް މިދިޔަ ސަރުކާރުން ވަނީ ޖައްސާފައި. މިހުރިހާ ކަމަކާ ގުޅިގެން ވަރަށް ތަފާތު ޕްރޮފެގެންޑާ ފަތުރަމުންގެންދާއިރު ކަމެއް ހިނގި ގޮތް ނޭނގެނީހެއް، ނޭނގޭނެ ކަމެއް ހިނގިގޮތް ބުނެދޭނެކަށް،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އަލީ ހަމީދުގެ މައްސަލަ ބެލުމަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ކޮމެޓީއެއް އުފެއްދުމަށް ތާއިދު ކުރެއްވި ކަމަށާއި ނަމަވެސް އެ ކޮމެޓީން އަލީ ހަމީދު ސަސްޕެންޑް ކުރުމަށް ނިންމާފައި ވަނީ އެއް ފަރާތަށް ބަލައިގެން ކަމަށެވެ. އަދި ވިދަޅުވީ އެ ކޮމެޓީން ނިންމި ގޮތަށް ސަސްޕެންޑް ނުކޮށް އިތުރު ކަންތައްތަކެއް ހޯދުމަށް އެންގުމަށް އޭނާ ވޯޓު ދެއްވީ އިތުރު ކަންކަން ސާފުކުރަން ޖެހޭތީ ކަމަށެވެ.
"އެކޮމެޓީން ނިންމި ނިންމުގައި އަޅުގަނޑަށް ފެނުނީ ބްލެކްމެއިލް ކުރުމަށް ހުރި އެސްއެމްއެސްތަކާއި އެ އެއްޗެހިތަކުގެ ޕްރޫފު ނެތް ކަން. އަދި އެނޫން ވެސް އެއެއްޗެހި އެހެން ބޭފުޅުން ވެސް ފާހަގަ ކުރެއްވެވި. އަދި ބަދުއަހަލާގީ އަމަލު ހިންގި މީހުންގެ ބަޔާނެއް ވެސް ނެތް. ވީޑިއޯއަކީ ހެދޭ އެއްޗެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އޭގައި [ސައްހަ ވީޑިޔޯއެއްތޯ ބެލި ކޮމެޓީގެ ނިންމުމުގައި] އެބަހުރި ބުނެފައި [އަލީ ހަމީދު ކަމަށް ބުނާ މީހާގެ] ބޮލުގައިވެސް ރަތްކުލަ ޖައްސާފައި ހުރިކަމަށް. ކާކުތަށްތޯ ބޮލުގައި ރަތްކުލަ ނުޖެއްސޭނީ. ވިދާޅުވެ ދެއްވަބަލަ،" އަލީ ހަމީދުގެ މައްސަލަ ބަލައި ނިމެންދެން ސަސްޕެންޑްގައި ބަހައްޓަން ފެންނަ ކަމަށް ނިންމި ޖޭއެސްސީގެ ކޮމެޓީގެ ބައެއް ނުކުތާތަކަށް ނުސީދާ ގޮތުން ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މީހަކާ މެދު ފިޔަވަޅެއް އަޅަން ޖެހޭނީ ޝައްކެތް ނެތް މިންވަރަށް ކަމެއް ސާބިތުވުމުން ކަމަށެވެ.
"މީގަ ވަރަށް ސާފު، ގާނޫނު އަސާސީގައި ބުނަނީ މީހެއްގެ މައްޗަށް ނިޔާއެއް ކަނޑައަޅަން ޖެހޭނީ އެއްވެސް ޝައްކެތް ނެތް މިންވަރަށް މީހެއްގެ މައްޗަށް ކަމެއް ސާބިތުވުމުން ކަމަށޭ. އެއްވެސް ޝައްކެތް ނެތް މިންވަރަށް ކަންތައްތައް ސާބިތުވެގެންނޭ. އިތުރު ވާހަކަ ނުދައްކާ. ގާނޫނު އަސާސީއަށް ވުރެ ބޮޑު އެއްޗެއް ނޯންނާނެ. އެއަށް ވުރެ ދަށުން ހެދޭ ގާނޫނެއް ވެސް ގަވާއިދެއް ވެސް އަދި އެހެން އެއްޗެއް ވެސް ނޯންނާނެ ގަނޫނު އަސާސީއަށް ވުރެ ބޮޑު އެއްޗެއް،"
ނަމަވެސް ގާސިމް އިބްރާހިމްގެ ރަނިންމޭޓް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދު މިއަދުގެ އެ ނިއުސްކޮންފަރެންސްގައި ވިދާޅުވީ އަލީ ހަމީދުއާ މެދު ކުރެވުނު ފަދަ ތުހުމަތުތަކެއް ކުރެވި ތަހްގީގުކުރެވޭ އިރު ތަހްގީގު ނިމެންދެން އެފަދަ ބޭފުޅަކު ސަސްޕެންޑްގައި ހުންނަ ޖެހޭނެ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެފަދަ ބޮޑު މައްސަލައެއްގައި ތުހުމަތު ކުރެވިއްޖެ ނަމަ އެބޭފުޅެއްގެ މައްސަލަ ބަލާ ތަހްގީގު ކުރެވެންދެން ސަސްޕެންޑް ކުރެވެން ޖެހޭނެ. ސަސްޕެންޑްކުރާ އިރު ރިޔާއަތްކުރަން ޖެހޭ ކަންތައްތަކެއް ހުރޭ. މިސާލަކަށް އެ ކަންތައްތަށް ފެންމަތިކުރި ބަޔަކީ ކޮންކަހަލަ ބައެއްތޯ ވެސް ބަލަން ޖެހޭ. އޭގެ އެ ވިދާޅުވާ ފަދަ ބްލެކްމެއިލް ކުރުމެއް ވެސް އޮތްތޯ ބަލަން ޖެހޭ. އެހެން ނަމަވެސް ކޮންމެ ގޮތަކަށްވި ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުޑިޝަރީގެ ކަރާމަތް ހިފެހެއްޓުމަށް ވެސް، އަދި ރައްޔިތުންގެ އޮތް އިތުބާރު ޖުޑިޝަރީއަށް ދެމެހެއްޓުމަށް ޓަކައިވެސް އެ މައްސަލަ ބަލައި ތަހްގީގު ކުރެވެންދެން، ސަސްޕެންޑް ކުރެވެން ޖެހޭނެ،" ޑރ. ހަސަން ސައީދު ވިދާޅުވި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ޝަރީފްގެ މައްސަލައެއް ބަލަމުންދާތީ، އަލީ ޖުޑިޝަލް ސާވިސް ކޮމިޝަނުން ވަނީ މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
އަލީ ހަމީދުގެ ވީޑިއޯ ސައްހަ ނޫން ކަމަށް ބުނީ އެ ބަލައިފައެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ