ބޭންކް އޮފް ސިލޯނުން އެމްވީކޭ މޯލްޑިވްސް އަށް ދޫކުރި ލޯނަކަށް ރަހުނުކޮށްފައި އޮތް މ.މާފަންނުއާގެ ވިއްކާލުމަށް ސިލޯން ބޭންކަށް ހުއްދަ ދީ، ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފި އެވެ.
ހައި ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ އެ ބިމަކީ ސަރުކާރުން ބަދަލު ދިނުމަށް ފަހު ދައުލަތަށް ނަގާފައިވާ ބިމަކަށްވާތީ، އެ ބިން ރަހުނުކުރުމާއި ވިއްކާލުމުގެ ހައްގު އެހެން އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެފައިވާ ކަމަށެވެ.
އަދި އެ ބިން ރަހުނުކުރި އިރު، ރަހުނުގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައި ނުވާކަމަށާއި، އެހްންކަމުން އެބިމަކީ ގާނޫނާ އެއްގޮތަށް ރަހުނުކޮށްފައިވާ ބިމެއްކަމުގައި ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ނުބެލޭނެ ކަމަށްވެސް ހައި ކޯޓުގެ ހުކުމްގައި ވެއެވެ. އަދި މާފަންނުއާގޭ ގޯތި ރަހުނުކުރުމަށް ބޭންކް އޮފް ސިލޯނަށް ހުށަހަޅާފައިވާ އެ ގޯތީގެ ރަޖިސްޓްރީއަކީ، އެ ގޯތީގެ ބިމަށާއި އެ ބިމުގައިވާ ނުއުފުލޭ މުދަލާއި އިމާރާތްތަކަށް ބަދަލުދީ ސަރުކާރަށް ނެގުމުގެ ކުރިން ހަދައިދީފައިވާ ރަޖިސްޓްރީއެއް ކަމަށް ހުކުމްގައި ވެއެވެ
އަދި އެ ރަހުނު ރަޖިސްޓްރީކުރަން ހުށަހެޅުމުން މާލޭ ސިޓީ ކައުންސިލުން، ރަހުނެއްގެ ގޮތުގައި އެ ބިން ރަޖިސްޓްރީކޮށްދީފައިނުވާ އިރު، އެ ގޯއްޗަކީ ރަހުނެއް ކަމުގައި ސިލޯނު ބޭންކުން ބަލާފައިވަނީ ބިމާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ވެސް ހައި ކޯޓުން އިއްޔެ އިއްވި ހުކުމްގައި ވެއެވެ.
އެ ގޯތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ބޭންކް އޮފް ސިލޯނަށް ދީފައިވަނީ، މާފަންނުއާގޭ ފާތިމަތު ފަރީދާ އާއި ހ. ޝަފީގުގޭ އިބްރާހީމް ޝަފީގު ޔަގީންކަން ދީ، އަދި އެ ގެ ރަހުނުކުރުމަށް ފަހު، އެމްވީކޭ މޯލްޑިވްސް އަށް ނަގާފައިވާ ހަތަރު މިލިއަން ރުފިޔާގެ ލޯނަކާއި އެއްލައްކަ ޑޮލަރުގެ ލޯނެއް އަނބުރާ ނުދެއްކުމާ ގުޅިގެން، ރަހުނު ވިއްކާލުމަށް ފަހު ލޯނުގެ ފައިސާ ހޯދުމަށް ކަމަށް ހައި ކޯޓުގެ ހުކުމުން އެނގެން އޮވެއެވެ.
މާފަންނުއާގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފައިވަނީ، އެ ގޯއްޗާއި އެއްގަމު އުޅަނދުތަކަކާއި ކަނޑު އުޅަނދުތަކެއް ރަހުނުކުރުމަށް ފަހު، އެމްވީކޭ މޯލްޑިވްސް އަށް ނަގާފައިވާ ދެ ލޯނުގެ ތެރެއިން ނުދައްކާ ހުރި ދެ މިލިއަން ރުފިޔާ އާއި އެއް ލައްކަ ޑޮލަރު ހޯދުމުގެ ގޮތުންނެވެ. އެ ފައިސާ ނުދައްކައިފި ނަމަ މާފަންނުއާގެ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ސިލޯނު ބޭންކަށް ދިނީ ސެޕްޓެމްބަރު 2013ގަ އެވެ. ސިވިލް ކޯޓުގެ އެ ހުއްދައާ ގުޅިގެން ސިލޯނު ބޭންކުން ވަނީ މާފަންނުއާގޭގެ 22،026 އަކަފޫޓުގެ ބިން ވިއްކައިލުމަށް އިއުލާނުކޮށްފައެވެ.
އެހެން ކަމުން ސިލޯން ބޭންކުން ކުރި އިއުލާނު ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓުގައި އެހުކުމް އިސްތިއުނާފު ކޮށްފައިވަނީ ޝަފީގުގޭ އިބްރާހީމް ޝަފީގުގެ ފަރާތުންނެވެ. އިސްތިއުނާފުގެ އަޑުއެހެުންތަކަށް ފަހު ހައި ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެބިމަކީ ދައުލަތަށް ނަގާފައިވާ ބިމަކަށްވާތީ، އެ ބިން ރަހުނުކުރުމުގެ ހައްގު ފާތިމަތު ފަރީދަށް ލިބިގެން ނުވާ ކަމަށެވެ.
މާފަންނުއާގެ އަކީ އިބްރާހީމް ފަރީދު ދީދީ އަވަހާރަވުމުން، ވަގުފު ބިމެއްގެ ގޮތުގައި އިބްރާހީމް ފަރީދު ދީދީގެ ދަރިކަނބަލުން ފާތިމަތު ފަރީދު ދީދީ އަށް ރަޖިސްޓްރީކޮށްދީފައިވާ ބިމެކެވެ.
އެ ގޯތީގެ ބިމުގައި ހިމެނޭ އަމިއްލަ 14،544.74 އަކަފޫޓުގެ ބިން 1989 ވަނަ އަހަރު ލާޖައްސައިގެން އެ ގޯތިން ވަކިކޮށް، އެ ގޯތި ވަނީ ބަންޑާރަ ގޯއްޗަކަށް ބަދަލުކޮށްފަ އެވެ. އަދި އެ ގޯތީގައި ހިމެނޭ 12،741.75 އަކަފޫޓުގެ ވަގުފު ބިމަށް ދައުލަތުން ބަދަލުދިނުމަށް ފަހު އެ ބިން ސަރުކާރަށް ނަގާފައި ވަނީ 1998 ވަނަ އަހަރުއެވެ.
އެހެންކަމުން 1998 ވަނަ އަހަރުން ފެށިގެން މާފަންނުއާގޭ މުޅި ގޯއްޗަކީ ދައުލަތުގެ ބިމެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.
މާފަންނުއާގެ އަކީ އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދަރިކަލުން އިބްރާހީމް ފަރީދު ދީދީގެ އަމިއްލަފުޅު ގޯއްޗެވެ. އިބްރާހީމް ފަރީދު ދީދީ އަވަހާރަވުމުން، ދައުލަތުން ވަނީ އެގޯތި ވަގުފު ބިމެއްގެ ގޮތުގައި އިބްރާހީމް ފަރީދުގެ ހަމައެކަނި ދަރިކަނބަލުން ކަމަށްވާ ފާތިމަތު ފަރީދު ދީދީ އަށް ރަޖިސްޓްރީކޮށްދީފައެވެ.
މާފަންނުއާގެ ވިއްކާލަން ހުއްދަދީ ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ