ރައީސް ޔާމީނާއިއެކު އިތުރަށް ކުރިއަކަށް ނުދެވޭނެ: މައުމޫން

ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް އަބްދުﷲ ޔާމީނާއިއެކު އިތުރަށް ކުރިއަށް ދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ވީޓީވީން ކޮންމެ ހުކުރު ދުވަހަކު ގެނެސްދޭ "ހަމީދުގެ މެހެމާންސަރާ"ގެ މި ހަފްތާގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަަކަފުޅު ދައްކަވަމުންނެވެ.
ރައީސް މައުމޫން ވިދާޅުވީ މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެއް ނަމަވެސް ސަރުކާރުގެ ކަންކަން ހިނގަމުންދަނީ ޕީޕީއެމްގެ އުސޫލްތަކާއި މުޅިން ހިލާފަށް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންނަށް ވައުދުވީ ކަންކަމާއި، ކެންޕޭންގައި ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރެވެމުން ނުދާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކަންކަން މިހާރު ދާގޮތުން ކުރިއަށް އޮތްތާ ގުޅުންތައް ރަނގަޅުކޮށް، ރައީސް ޔާމީނާއިއެކު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލްނުކުރައްވާ ކަމަށެވެ.
"ގުޅިގެން މަސައްކަތެއް ނުކުރެވޭނެ ދެއްތޯ؟ ކިހިނެތްތޯ އެކުގައި މަސައްކަތްކުރާނީ މިހިރަ މިހިރަ ކަންކަން މިގޮތުގައި ހުއްޓާ. އެކުގައި މަސައްކަތްކުރަން ބޭނުންކަމަށްވާނަމަ ޖެހޭނީ އަސްލަށް ރުޖޫއަވާން. އެކަން އެގޮތަކަށް ނުވާހާ ހިނދަކު އަޅުގަނޑަކަށް މިސަރުކާރަކަށް ތާއީދެއް ނުކުރެވޭނެ،" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ބިން ވިއްކުމުގެ އިސްލާހުފަދަ އިސްލާހުތަކަކީ ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ކުރުމެއްނެތި ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. އަދި ޑިމޮކްރަސީއަށް ބޮޑެތި ގޮންޖެހުންތަކެއްވެސް މިއަދު އެބަހުރި ކަމަށާ ރާއްޖޭގައި އޮތް މިނިވަންކަން ކުޑަވަމުންދާއިރު އިދިކޮޅު ސިޔާސީ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، ކުރިމަތިކުރުވާ ހުރަސްތަކަކީ ކަންބޮޑުވެވަޑައިގަންނަވާ ކަންތައްތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
މި ސަރުކާރު ދެމެހެއްޓުމަށް އެންމެ އައުލާކަން ބޮޑީ ރައީސް މައުމޫންގެ މައްޗަށް ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެއީ ގަބޫލުކުރައްވާ ވާހަކައެއް ނޫން ކަމަށެވެ. ވެރިކަމުގައި ކޮއްކޮއެއް ހުންނެވުމަކީ ވެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑަކީ އެއްވެސް މީހަކާއި ދެކޮޅު އަދި ވަކި މީހަކަށް ތާއީދުކުރާ މީހެއް ނޫން. އަޅުގަނޑު ތާއީދު ކުރަނީ އުސޫލްތަކަށް. އެ އުސޫލްތައް ގަބޫލްކުރާނަަމަ ކޮންމެ މީހަކަށްވެސް ތާއީދުކުރާނަން. ނަމަވެސް ވެރިކަމުގައި ހުންނެވީ ކޮއްކޮއެކޭ ކިޔާފައި ތާއީދުކުރަންޖެހޭ ސަބަބެއް ނެތް. އަޅުގަނޑު ރައީސް ޔާމީން ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވީވެސް ކޮއްކޮއަކަށް ވާތީއެއް ނޫން. މިއީ ލެއާއި ގުޅުންހުރި ކަމެއް ނޫން." ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވީ ހަމަޖެހިފައިވާ އުސޫލްތަކުގެ ތެރެއިން ޕީޕީއެމްގެ ޕްރައިމަރީ ރައީސް ޔާމީން ކާމިޔާބުކުރެއްވުން ކަމަށެވެ. އަދި ރައީސް ޔާމީނަކީ އާއިލީ ބޭފުޅަކަށްވީތީ މިއަދު ވެރިކަމުގެ ތެރެއިން ފެންނަމުންދާ ކަންކަމުގެ ސަބަބުން ވަރަށް ދެރަވެ ކަންބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ.
"މާބޮޑަށް އަސަރުކުރާނެ ދެއްތޯ؟ އާއިލާ ބޭފުޅަކު ވެރިކަމުގައި ހުރެ ކަންކަން ދާގޮތުން،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ކަންކަން އިސްލާހުކުރުމަށް އުންމީދާއިއެކު މަސައްކަތް ކުރަންޖެހޭ ކަމަށާ އަދި ގައުމުގެ ކަންކަން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މީގެ އިތުރަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ވަރަށް މިނިވަން އިންސާފުވެރި އިންތިހާބަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާ އިންތިހާބަކީ އެއްވެސް ރައްޔިތަކަށް މަޖުބޫރުކަމެއް ބިރުދެއްކުމެއްނެތި އެ ރައްޔިތަކު ތާއީދުކުރާ ބޭފުޅަކަށް ވޯޓް ލެވޭނެ ފަދަ އިންސާފުވެރި މާހައުލެއްގައި ކުރިއަށްދާ އިންތިހާބަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ކޮންމެ ގައުމެއްގައިވެސް ރައްޔިތުން ބާއްވަން ބޭނުންވާނީ މިނިވަން އިންސާފުވެރި އިންތިހާބެއް. އެއްވެސް ބިރުވެރިކަމެއް މަޖުބޫރުކަމެއް ނެތި އިންތިހާބު ބޭއްވެންޖެހޭ. އިރާދަކުރެއްވިއްޔާ މިގައުމުގައިވެސް އެކަން އެގޮތަށް ހިނގާ ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމުވެގެންދާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.
2018ގެ އިންތިހާބަށް ރަނގަޅު ކެނޑިޑޭޓަކު އެބަހުރިތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކްފާނު އަދި އެއްވެސް ބޭފުޅަކާއި މެދު ހިޔާލުނުކުރައްވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ކުއްޖަކު ރައީސްކަމަށް ގެންނާކަށް ނޫޅެއް. އެއީ މުޅިން ދޮގު ވާހަކަތަކެއް. ވަކި މީހަކުވެސް ގެންނާކަަށް ނޫޅެއް. އަޅުގަނޑަކީ ވަކި އުސޫލްތަކެއް ގަބޫލްކުރާ ވަކި ހަމަތަކަކަށް ތަބާވާ މީހެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.
އަލުން ރިޔާސީ އިންތިހާބެއްގައި ވާދަކުރައްވަފާނެތޯ ދެންނެވުމުން ރައީސް މައުމޫން ވިދާޅުވީ އިންތިހާބެއްގައި ދެން ވާދަނުކުރައްވާނެ ކަމަށެވެ. އަދި އަލުން ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ ވިސްނުންފުޅުވެސް ނެތް ކަމަށް ވިދާޅުވި އެވެ.
ރައީސް މައުމޫންގެ ހަޔާތްޕުޅާއި ގުޅޭގޮތުން މިހާތަނަށް އެމަނިކުފާނު އެންމެ ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައިވަނީ މި ޕްރޮގްރާމްގައެވެ. އެގޮތުން އެމަނިކްފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމާއި، ތުއްޕުޅުއިރުގެ ވާހަކަފުޅުތަކާއި، ތައުލީމީ ދުވަސްވަރުގެ ވާހަކަފުޅުތަކުގެ އިތުރަށް ވެރިކަމުގައި ހޭދަކުރެއްވި މުއްދަތުގައި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ވަރަށް ގިނަ ވާހަކަތައް އެމަނިކުފާނު ވަނީ މި ޕްރޮގްރާމް މެދުވެރިކޮށް ދިވެހި ރައްޔިތުންނާއި ފުރަތަމަ ފަަހަރަށް ހިއްސާކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ