އަލީ ސުލައިމާން އިންތިހާބުގައި ވާދަކުރައްވާނަމަ ވީޓީވީގައި ނުހުރެވޭނެ - ގާސިމް

ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަޝްހޫރު އަލީ ސުލައިމާން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނަމަ ވީޓީވީގައި ނުހުރެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ކިނބިދޫ ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުﷲ ރިޔާޒް އެޕާޓީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލުމަށްފަހު ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު އަލީ ސުލައިމާން ވިލުފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
ގާސިމް ނޫސްވެރިން ތިއްބާ ވިދާޅުވީ އަލީ ސުލައިމާން ވާދަކުރައްވާ ކަމުގައިވާނަމަ އެތަނަށް އިތުރު އެއްވެސް މީހަކު ވާދަކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޝިފާގު އެހާ ހިސާބުން ވިދާޅުވެފައިވަނީ ޕީޕީއެމް ޓިކެޓުގައި ވިލުފުށީ ދާއިރާއަށް ރިޔާޒް ރަޝީދު ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. ޝިފާގު އެހެން ވިދާޅުވުމުން ގާސިމް ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަންޏާއި ވީޓީވީގެ މަގާމަކު ނުހުރެވޭނެ ކަމަށެވެ.
ވީޓީވީގެ ސީނިއާ އެޑިޓަރގެ މަގާމުގައި މިހާރު ވެސް ހުންނެވި އަލީ ސުލައިމާން އިއްޔެ އެމްވީޔޫތަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާނޫނު ތަންދޭނަމަ އިންތިޙާބުގައި ވާދަ ކުރާއިރު ވެސް ހުންނަވާނީ ވަޒީފާގައި ކަމަށާއި ޕްރޮފެޝަންގައި ކުރާ މަސައްކަތާއި ސިޔާސީ މަސައްކަތްތަކާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
ވިލިފުށީ ދާއިރާއަށް ކުރިމަތިލައްވާނެ ކަން މީޑިއާގައި މިހާތަނަށް އިއުލާން ކުރަށްވާފައި ވަނީ މިހާރުވެސް އެދާއިރާގެ މެންބަރުން ރިޔާޒް ރަޝީދުއެވެ. ރިޔާޒް ވަނީ ޕީޕީއެމްގެ ޓިކެޓް ހޯއްދެވުމަށް ހުށަހަޅުއްވާފައެވެ.
ޓީޗިންގެ ރޮނގުން ޑިގްރީ ނަންގަވާފައިވާ އަލީ ސުލައިމާން ވިދާޅުވީ އިންތިޙާބު ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދު އޭނާއަށް ބޮޑު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ