ހުޅުމީދޫއިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައި

(އައްޑޫ ސިޓީ ހިތަދޫ) އައްޑޫ ސިޓީ ހުޅުމީދޫއިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެއްޖެއެވެ.
މީދޫއިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ، އިއްޔެ ވެސް ބައެއް ގެތަކުން ހަތަރު ފަސް ފަހަރު ކަރަންޓް ކަނޑައިގެން ދިޔަކަމަށެވެ. އަދި މިއަދު ހަވީރު ވެސް ކަރަންޓް ކެނޑުނު ކަމަށާއި، ކަރަންޓް ލިބުނީ މިރޭ 19:30 ހާއިރު ކަމަށް ވެސް އޭނާ ބުންޏެވެ.
އިއްޔެ ކަރަންޓް ކަނޑައިގެން ދިޔުމުން، އެކި ގަޑިތަކުގެ ކަރަންޓް ކަނޑައިގެން ގޮސްދާނެކަމަށް އެންގި ކަމަށާއި، ނަމަވެސް މިއަދު ކަރަންޓް ކެނޑީ ކުރިން އެންގުމަކާ ނުލާ ކަމަށްވެސް އޭނާ ބުންޏެވެ.
"އިންޖީނުގެއަށް ގުޅީމަ ބުނީ އިންޖީނަކަށް މައްސަލައެއް ތިމާވެގެން އުޅޭތީއޭ ކަރަންޓް މި ކެނޑެނީ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް" އެމީހާ ބުންޏެވެ.
އެ މައްސަލަ ރޭ ހައްލުވެފައި ވަނިކޮށް މިއަދު ކަރަންޓް ކެނޑުނު މައްސަލައިގައި ގުޅުމުން އަނެއްކާވެސް އިންޖީނަކަށް "އިތުރު މައްސަލައެއް" ކުރިމަތިވެފައިވާ ކަމަށް އިންޖީނުގެއިން ބުނި ކަމަށް އެމީހާ ބުންޏެވެ.
މިކަމާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
ހުޅުމީދޫއިން ކަރަންޓް ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު، މި ރަށުގެ ބައެއް ގެތަކުން ވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ