އިޤުތިޞާދީ ދާއިރާގެ އެއްބަސްވުންތަކެއްގައި ޗައިނާ އާއި ރަޝިއާ އިން ސޮއި ކޮށްފި

ހަކަތަ އާއި ވިޔަފާރި އަދި މާލީ ދާއިރާގެ ތިން އެއްބަސްވުމެއްގައި ޗައިނާ އާއި ރަޝިއާ އާއި ދެމެދު ސޮއި ކޮށްފިއެވެ.
މިއެއްބަސްވުންތަކަކީ ހުޅުވިފައިވާ ބޮޑެތި މައްސަލަތަކާއި ދެގައުމު އެކުގައި ކުރިމަތިލާ ކާމިޔާބީ ތަކެއް ހާސިލް ކޮށްދޭނެ އެއްބަސްވުންތަކަކަށް ވެގެންދާނެ ކަމަށް ދެގައުމުގެ ސަރުކާރުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
މިއެއްބަސްވުންތަކުގައި ސޮއި ކޮށްފައި ވަނީ ރަޝިއާގެ ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތައް ޗައިނާގެ ލީޑަރު ޒީ ޖިންޕިން މިހާރު ރަޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޗައިނާގެ ލީޑަރު ޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ސޮއި ކުރެއްވި އެއްބަސްވުންތަކުގެ ތެރޭގައި ޗައިނާގެ ސިލްކް ރޫޓް ތަރައްޤީ ކުރުމުގައި ރަޝިއާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ވެސް ހިމެނެއެވެ.
ޗައިނާ އާއި ރަޝިއާ އިން އިޤުތިޞާދީ ދާއިރާގެ އެއްބަސްވުންތަކެއްގައި ސޮއި ކުރިއިރު މިހާރު ވެސް ރަޝިއާގައި ޗައިނާ އިން ވަނީ ބޮޑެތި އިންވެސްޓްމެންޓް ތަކެއް ކޮށްފައެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އިންވެސްޓްމެންޓް އަކީ މޮސްކޯ އިން ކަޒަން އަށް އޮންނަ ރެއިލްވޭ މަގުގައި ގައި ސްޕީޑް ރޭލް އަށް ދަތުރުކުރެވޭ ގޮތައް ތަރައްޤީ ކުރާ ޕްރޮޖެކްޓެވެ. އެޕްރޮޖެކްޓަށް ޗައިނާ އިން ވަނި 5.8 ބިލިއަން އެމެރިކާ ޑޮލަރު މިހާރު ވެސް އިންވެސްޓް ކޮށްފައެވެ. މިރެއިލްވޭ އަށް ކުރިއަށް އޮތްތަނުގައި ޗައިނާ އިން ކުރުމަށް ހަމަޖެހިފައިވާ އިންވެސްޓްމެންޓާއި އެކު އިންވެސްޓްމެންޓްގެ ޖުމްލަ އަގު 21.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެއެވެ. މިއީ ޗައިނާއިން ތަރައްޤީ ކުރާ ސިލްކް ރޫޓްގައި ހިމެނޭ ރެއިލްވޭ މަގެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ