ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ އައު ވާހަކަަތަކެއް މެމްބަރު ވަހީދު ތިލަކޮށްފި

2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ނިރުބަވެރި ހަމަލާ ދިނުމުން އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުން ކަންކުރެއްވި ގޮތްކަމަށް ވިދާޅުވެ މީގެކުރިން ތިލަވެފައި ނުވާ ވާހަކައެއް އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު ތިލަކުރައްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިނަށް ރޭ ބޭއްވި ޖަލްސާއެއްގައި މެމްބަރު ވަހީދު ވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ބޮމުގެ ހަމަލާ ޖޯކަކަށް ހަދާ، އެކަމާ ހީސަމާސާކޮށް ހެއްދެވި ކަމަށް ވިދާޅުވެ މެންބަރު އިމްތިޔާޒާ ދެކޮޅަށް ކެމްޕެއިންކުރައްވާ އެމްޑީޕީގެ ބައެއް މަޖިލީސް މެންބަރުންނަށް ފާޑުވިދާޅުވެފައެވެ.
ވަހީދު ވިދާޅުވީ ނަޝީދަށް ހަމަލާދިން ރޭ މަޖިލީހުގައި އޮތް ކުއްލި ޖަލްސާއަށް ވަޑައިގެންނެވިއިރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މެންބަރުންގެ ކިބައިންވެސް ފެނުނީ ހިތާމަ އާއި މާޔޫސްކަން ކަމަށެވެ. އަދި ހުރިހާ މެންބަރުންވެސް އެ ވަގުތު ދައްކަވަމުން ގެންދެވީ ނަޝީދުގެ ފުރާނަފުޅު ސަލާމަތް ނުވެދާނެތީ އެކަމުގެ ކަންބޮޑުވުމުގެ ވާހަކަ ކަމަށެވެ.
އެހެންނަމަވެސް، ވަހީދު ވިދާޅުވީ އެއާ ޚިލާފު މަންޒަރެއް މަޖިލީހުގެ ކާކޮޓަރި ތެެރެއިން ފެނިވަޑައިގަތް ކަމަށެވެ. އެއީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބައެއް މެންބަރުން ޖޯކަކަށް ހައްދަވާ ހީސަމާސާ ކުރެއްވުމެވެ. އެކަމަށް ކެތްނުކުރެވިގެން އެ ކޮޓަރިން ނިކުންނެވި ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީ އެއްބައިކުރަން ކަމަށް ވިދާޅުވެ މިއަދު ނިކުމެ ތިބީ އެ މެންބަރުން ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ