ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެންމެ ރަނގަޅީ ގާސިމް: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެންމެ ރަނގަޅީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މެމްބަރު ނަޝީދު މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މިމޭރުމުން ޓްވީޓެއް ކުރެއްވީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރެވޭ ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރުގެ ދިފާޢުގައި އެމަނިކުފާނު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހުގެ އިސްތަށިފުޅުގައި އެއްވެސް އަސާސެއްނެތް ބޮޑެތި ތުޙުމަތުތަކެއް އަޅުއްވައި ދެއްކެވި ވާހަކަތަކުން ނުރުހުންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އެމަނިކުފާނު ދުރުކުރުމަށް އެމްޑީޕީގެ ތެރެއިން މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ދުރުކުރަން މަސައްކަތް ކުރަން ނިންމާފައިވަނީ މަޖިލިސް ޖަލްސާތައް ފެށުމާއެކުއެވެ.
މި މަސައްކަތް ފެށްޓެވި ބޭފުޅުންގެ އަމާޒަކީ އެމްޑީޕީ ކޮންގްރެސްގެ ކުރިން ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީީސްގެ މަގާމުން ވަކިކުރުމެވެ. އެއަށްފަހު އެޕާޓީގެ ކޮންގްރެސްގައި ނަޝީދު ޕާޓީގެ ރައީސްކަމުން ވަކިކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެއެވެ.
ރައީސް ޞާލިހް އަންހެނަކާއެކު ޒިނޭކުރާ ފޮޓޯތަކެއް ލިބިފައިވާ ކަމަށާއި، އެ ފޮޓޯތައް ފުލުހަށް ފޮނުވަންވީތޯ ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް މުހައްމަދު ނަޝީދު ގިނަ މެސެޖުތަކެއް ފޮނުވުމާއެކު މެންބަރުންގެ ސުވާލުތަކާއި ނުރުހުން ނަޝީދަށް އަމާޒުވިއެވެ.
ޤައުމުގެ ވަލީއުލްއަމުރުގެ ބޮލުގައި އެފަދަ ބޮޑު ތުހުމަތުތަކެއް އެޅުވުމާއެކު އެމްޑީޕީގެ އިސްފަޑީގައި ތިއްބެވި ބޭފުޅުން ވަނީ އެކަމުގެ ތެދުދޮގު ހާމަކޮށްދިނުމަށް ނަޝީދު އަރިހުގައި އެދިފައެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ރައީސް ނަޝީދު ފަހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ