ބަގާވާތެއް ކުރާކަށް ނޫޅެން: ގާސިމް އިބްރާހިމް

އިދިކޮޅު ފަރާތްތަކުން އިސްލާހުގެ ނަމުގައި ކުރަމުން ގެންދަނީ ބަގާވާތެއް ކުރުމުގެ މަސައްކަތްކަމަށް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ވިދާޅުވި ވިދާޅުވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.
އިދިކޮޅު ޕާލިމެންޓްރީ ގްރޫޕުން މިހަރު ކުނޫޒުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ގާސިމް ވިދާޅުވީ އެފަދަ ކަމެއް ކުރައްވަން ނޫޅުއްވާކަމަށާއި، އަދި އެމަނިކުފާނަކީވެސް އެފަދަ ޤާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރައްވާނެވެސް ބޭފުޅެއް ނޫން ކަމުގައެވެ.
ގާސިމް މިހެން ވިދާޅުވީ ދާދިފަހުން ޕީޕީއެމް ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދަނީ ބަގާވާތް ކުރުމުގެ މަސައްކަތެއްކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވަނިކޮށެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދަނީ އިސްލާހީ މަސައްކަތެއްކަމަށާއި އެނޫން އެއްވެސްލަމެއް ހިނގަމުން ނުދާ ކަމުގައެވެ.
މި ބައްދަލުވުމުގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްވެސް ވިދާޅުވީ ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލުމަކީ ބަގާވާތް ކުރުންކަމަށް ނުބެލެވޭނެ ކަމުގައެވެ. އަދި އިދިކޮޅު ފަރާތްތަކުން އެއްވެސް ބަގާވާތެއް ކުރަން ނޫލޭ ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ