ގާސިމް ހިތުގެ އޮޕަރޭޝަނެއް ކޮށްފި

ސިންގަޕޫރުން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވައިފި އެވެ.
ގާސިމްގެ އާއިލާ އާއި ހަވާލާދީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ މިއަދު ހެނދުނު ކުރި އެ އޮޕަރޭޝަން ކާމިޔާބު ކަމަށެވެ. އަދި މިހާރު ގާސިމް އޮންނެވީ އައިސީޔޫގައި ކަމަށެވެ.
ސިންގަޕޫރުގައި ގާސިމް ބައްލަވާ ޑޮކްޓަރުން ވިދާޅުވެފައިވަނީ އޭނާގެ ހިތަށް ލޭ ފޮނުވާ މައި ނާރުތަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި ގާސިމަށް ކުރިމަތިވެފައި ވަނީ “ވެސަލް ކޮރޮނަރީ އާޓެރީ ޑިޒީސް” ކަމަށެވެ. މީގެ އިތުރުން ދަތުރު ކުރެވޭ ވަރަށް ގާސިމްގެ ސިއްހީ ހާލަތު ރަނގަޅުވާނީ ޑިސެމްބަރު މަހު ކަމަށެވެ.
މަޖިލީސް މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވެ ގާސިމް ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ހުކުމް ތަންފީޒު ކުރުން ގޭ ބަންދަށް ބަދަލުކޮށްފައި އެވެ. އަދި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ދީފައިވަނީ 20 ދުވަހެވެ. އެއީ ފުރަތަމަ 10 ދުވަސް ދިނުމަށް ފަހު ފަހުން އިތުރުކޮށްދިން 10 ދުވަހެވެ.
ގާސިމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާފައި މިވަނީ އެތައް ފަހަރަކު އެކަމަށް އެދިފައިވަނިކޮށެވެ. އެންމެ ފަހުން ހުއްދަ ދީފައި މިވަނީ ގާސިމް މައްޗަށް ރިޝްވަތުގެ ކުށް ސާބިތުވާކަމަށް ކަމަށް ހުކުމް ކުރި އިރު ގާސިމްގެ ޕާސްޕޯޓު ދޫކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރުމުންނެވެ.
އެކަމަކު އަމުރުގެ އެބައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ