ޙަމަދު ސްކޫލްގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ފެނަކައާ ހަވާލުކޮށްފި

(ލ.ގަން) ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގެ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ނިޒާމު ނެޓް މީޓަރިންގ އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅުމާ ބެހޭ އެއްބަސްވުމެއްގައި ފެނަކައާއެކު މިއަދު ސޮއިކޮށްފިއެވެ.
މިއަދު އެ ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޙަމަދު ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތުއެވެ. އަދި ފެނެކަގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މިރަށު ބްރާންޗްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ހަލީމްއެވެ.
މި އެއްބަސްވުމަށްފަހު "ވަގުތު"އަށް މައުލޫމާތުދެއްވަމުން ޝައުކަތު ވިދާޅުވީ، ދެމެހެއްޓެނިވި ހަކަތައާ ގުޅޭގޮތުން ހުށަހެޅި ޕްރޮޕޯސަލްއަކަށް ލިބިފައި އިން ގްރާންޓެއްގައި ޙަމަދު ސްކޫލްގައި 15 ކިލޯވޯލްޓްގެ ސޯލާ ޕެނަލް މިހާރު ހަރުކުރެވިފައިވާކަމަށެވެ.
މިހާރު އެ މަސައްކަތް ނިމި، މިއަދު ފެނަކައާއެކު ވެވުނު ނެޓް މީޓަރިންގ އެއްބަސްވުމަކީ، އެ ސްކޫލްގެ ހަކަތަ ފެނަކައިން ބޭނުންކޮށްގެން، އެ ސްކޫލަށް ލިބިގެން ޖެހޭ މަންފާ ލިބުމަށްޓަކައި ވެވުނު އެއްބަސްވުމެއް ކަމަށް ޝައުކަތު ވިދާޅުވިއެވެ.
މި ސޯލާ ޕްރޮޖެކްޓަކީ އެ ސްކޫލްގެ ކަރަންޓަށް ކުރަންޖެހޭ ހަރަދަށް ވަރަށް ބޮޑު ލުއިކަމެއް އަންނާނެ ޕްރޮޖެކްޓެއްކަން ވެސް ޝައުކަތް ފާހަގަކުރެއްވިއެވެ.
މިރަށު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރު ހުސެއިން ހަލީމް ވިދާޅުވީ، މިފަދަ ޕްރޮޖެކްޓްތަކަކީ ފެނަކަ އިން ރަށްރަށަށް ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށެވެ.
"މީގެ ސަބަބުން ހާއްސަކޮށް ބޮޑަށް މަންފާވެގެންދާނީ މި ނިޒާމްތައް ބޭނުންކުރާ ފަރާތްތަކަށް. އެގޮތުން ޙަމަދު ސްކޫލްގެ ކަރަންޓް ބިލުން ވަރަށް ބޮޑު އަދަދެއް ސަލާމަތްވެގެންދާނެކަމަށް އަޅުގަނޑމެން ގަބޫލުކުރަނީ." ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ވަރަށް އަވަހަށް މި ނިޒާމް ގުޅާލުމުގެ މަސައްކަތް ފަށާނެކަމަށެވެ.
މިއީ ދެފަރާތަށްވެސް ވަރަށް ބޮޑަށް ފައިދާ ކުރާނެ އެއްބަސްވުމެއްކަމަށް ހަލީމް ފާހަގަކުރެއްވިއެވެ.
ޙަމަދު ސްކޫލްގައި ސޯލާ ޕެނަލް ހަރުކޮށްފައި މި ވަނީ ލޯ އެމިޝަން ކްލައިމެޓް ރެސިލިއެންޓް ޑިވެލޮޕްމަންޓް (ލެކްރެޑް)ޕްރޮޖެކްޓްގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ