ތަރައްޤީގެ މަޝްރޫއުތައް އިތުރުވާތީއާއި ރައްޔިތުން ކަރަންޓް ބޭނުންކުރުން އިތުރުވާތީ އިތުރު 60 ޖެނެރޭޓަރު ގެންނަނީ

ރާއްޖެތެރޭގައި ތަރައްޤީގެ މަޝްރޫއުތައް އިތުރުވަމުންދާތީ އާއި ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ބޮޑެތި ކުރިއެރުންތަކުގެ ސަބަބުން ކަރަންޓް ބޭނުންކުރުން އިތުރުވާތީ މިއަހަރު ތެރޭގައި އިތުރު 60 ޖެނެރޭޓަރު ގެނެސް ޚިދުމަތް ދޭންފެށުމަށް މަސައްކަތްކުރަމުން ގެންދާ ކަމަށް ފެނަކަ ކޯޕޮރޭޝަނުން ބުނެފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފެނަކޯޕޮރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ ނިމާލް މިއަދު ވިދާޅުވީ މިދިއަ އަހަރުވެސް އެކުންފުނިން 77 ޖެނެރޭޓަރު ގެނެސް ރަށްރަށުގައި ބަހައްޓައި ޚިދުމަތް ދެމުންގެންދާ ކަމަށެވެ. އަދި މިހާރު ހުރިހައި ރަށަކަށްވެސް 24 ގަޑިއިރު ދަނީ ކަރަންޓުގެ ޚިދުމަތް ދެމުން ކަމަށެވެ.
"އަޅުގަނޑުމެން 77 ޖެނެރޭޓަރު ގެނައީ 2 އަހަރު ދުަވަހަށް ބަލައިގެން. ނަމަވެސް ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ކުރިއެރުންތަކާއިއެކު ކަރަންޓް ބޭނުންކުރާ މިންވަރު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. ކޮންމެ ގެއެއްގައި ފްިޖްތައް ބަހައްޓަނީ. އެއަރކޮންޑިޝަންތައް ބަގައްޓަނީ."
ނިމާލް ވިދާޅުވީ މިއަހަރު އެކުންފުނިން މަސައްކަތްކުރާނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކަމަށާއި އެކުންފުނިން މަސައްކަތް ކުރަމުން ގެންދަނީ މިއަހަރުގެ ތެރޭގައި 60 ރަށެއްގެ އިންޖީނުގެވެސް ރަނގަޅުފެންވަރަަކަށް ހަދައި މިހާރު ހުރިތަންތަނުން ބަދަލުކުރުމަށް ކަމަށެވެ.
ނިމާލް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ކަރަންޓުގެ ޚިދުމަތް ދެމުން އައި ގިނަ ރަށްރަށުގައި ކަރަންޓް ކޭބަލް ވެސް ހުރީ ވަރަށް ނިކަމެތި ހާލަތެއްގައި ކަމަށްވާތީ މިއަަހަރުތެރޭގައި 25 ނުވަތަ 26 ރަށެއްގައި ކަރަންޓް ކޭބަލް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ނިމާލް ވިދާޅުވީ އައްޑޫ ސިޓީގެ ހުރިހައި ރަށަކަށް ސާފު ބޯފެން ފޯރުކޮށް ދިނުމަށް އެކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތައް ނިންމައި މިއަަހަރުގެ އޮގަސްޓްމަސް ހައިތަނުގައި ހުރިހައި ރަށަކަށްވެސް ސާފު ބޯފެން ފޯރުކޮށްދެވޭނެ ކަމަށެވެ.
މިނިވަން 50 އާއި ގުޅިގެން ސްޓެލްކޯއަށް އެކުންފުނިން ހަވާލުކުރި 2 ޖެނެރޭޓަރުގެ ބަދަލުގައި 2 ޖެނެރޭޓަރު ރާއްޖެ ގެނައުމުގެ މަސައްކަތް ސްޓެލްކޯއިން މިހާރު ކުރަމުންގެންދާ ކަމަށާއި ކުރިއަށް އޮތް ،3 4 މަސް ތެރޭގައި ޖެނެރޭޓަރުތައް ލިބި އައްޑޫ ސިޓީގައި ބެހެއްޓޭނެ ކަަމަށްވެސް ނިމާލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ