މެމްބަރު އާޒިމް 3،000ރ. އިން ޖޫރިމަނާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ 3،000 ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ.
އާޒިމްގެ މައްޗަށް ހުކުމް ކުރީ މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގަ އެވެ.
ދައުލަތުން އަލީ އާޒިމުގެ މައްޗަށް ދައުވާކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅުމުގެ ދައުވާ އެވެ.
އާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން މިދިޔަ އަަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށް ދިޔަ މުޒާހަރާއެއްގައި ސުލްހަވެރިކަން ގެއްލުމުން އެއީ ސުލްހަވެރި މުޒާހަރާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު އެ ސަރަހައްދުން ވަޑައިގަތުމަށް އާޒިމަށް އެންގުމުން އެގޮތަށް އަމަލުކޮށްފައި ނުވާ ކަމަށެވެ.
ދައުވާއާއި ގުޅިގެން އާޒިމްގެ ފަރާތުން ހެކިންގެ ގޮތުގައި ކޯޓަށް ތިން މީހެއްގެ ނަން ހުށަހެޅި ނަމަވެސް ހެކިންގެ ގޮތުގައި ވާހަކަދައްކަން ކޯޓުން ފުރުސަތު ދިނީ އެންމެ މީހަކަށެވެ. އެމީހާ ބުނެފައިވަނީ ފުލުހުންގެ އަމުރަށް އާޒިމް ކިޔަމަންވި ކަމަށާ ފުލުހުންގެ ބެލުމުގެ ދަށަށް އާޒިމް ގެންދިޔައީ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދެއްގައި ހުއްޓާ ނޫން ކަމަށެވެ. އާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ވެސް ދެ ހެކިން ހުށަހެޅި އެވެ. އެމީހުންނަށްވެސް ކޯޓުން ފުރުސަތު ދީފައިވެ އެވެ.
އާޒިމް ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އަށް އިންކާރުކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ