ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ މިދިޔަ މާޗްގެ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުލުހުން އަބްދުﷲ ރިޔާޒު ހައްޔަރުކުރީ ކޯޓް އަމުރެއް ނެތި ގާނޫނާ ހިލާފަށް ކަމަށެވެ. މިމައްސަލަ ނިންމާފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ޝަރީއަތުގެ މަޖިލީހަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒުގެ ވަކީލް ހިސާން ހުސައިން ވިދާޅުވީ ރިޔާޒު ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށްވާތީ އޭގެ ފަހުން ހޯދާފައިވާ ހެއްކާ ގަރީނާއަކީ ބާތިލްކަމެއްގެ ތެރެއިން ހިނގާދިޔަ ކަމެއް ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެެވެ. އަދި މިމައްސަލާގައި އުޅުނު ފުލުހުން ތަހުގީގަށާއި ދީފައިވާ ބަޔާންތަކާއި ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުގައި ފުށުއެރުންތަކެއް ހުރިކަންވެސް ފަނޑިޔާރުން ފާހަގަކުރެއްވި ކަމަށެވެ. އަދި ވިދާޅުވީ މިއަދު މިލިބުނީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަަތަށް އުއްމީދެއް ކަމަށެވެ.
ރިޔާޒުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ ހުކުމަކީ އިސްލާހީ ހަރަކާތަށް ލިބުނު ހިތްވަރެއް ކަމަށެވެ. އަދި މިއަދުގެ ހުކުމަކީ މާޔޫސްވެފައި ތިބި ބަޔަކަށް ލިބުނު ހިތްވަރެއް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރިޔާޒު ވިދާޅުވީ އޭނާގެ ޝަރީއަތް ދިޔައީ ވަރަށް އަދުލުވެރިކަމާއެކު ކަމަށް ގަބޫލުކުރައްވާ ކަމަށެެވެ. އަދުލުވެރިކަމާއެކު ޝަރީއަތްތައް ހިނގާނެ ކަމަށް މިއަދު މިވަނީ އުއްމީދެއް ލިބިފައި ކަމަށްވެސް ވިދާޅުވި އެވެ. އަދި ޝަރީއަތުގައި އޭނާގެ ދިފާއީ ވަކީލުން ފާހަގަކުރެއްވި ކަންކަމަށް މިމައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުން ރިއާޔަތްކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"މިއަދު މިއީ ނަސްރު ލިބި އުއްމީދު ލިބުނު ދުވަހެއް. ކަމެއް ނުކުރަނީސް ކުރިކަމަށް ވާހަކަދައްކައިގެން ނުވާނެ. އިމްރާންގެ މައްސަލަ އަލުން ބަަލަންޖެހޭނެ. އަޅުގަނޑު އަޚް ކާނަލް ނާޒިމްގެ މައްސަލަވެސް އެބަޖެހޭ ބަލަން. ނުހައްގުން ޖަލުގައި ބެހެއްޓިގެން ނުވާނެ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އޭނާ އަކީ ގާނޫނު ތަންފީޒު ކުރުމުގެ ދާއިރާގައި 25 ވަރަކަށް އަހަރު މަސައްކަތް ކުރެއްވި ބޭފުޅަކަށް ވާތީ ގާނޫނާ ހިލާފަށް އޭނާ އެއްވެސް މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ. އަދި ދިވެހި ގައުމަށް ގެއްލުންވާ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު އިތުރަށް ވަނީ ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށް ވެސް އިލްތިމާސްއެއް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ގައުމުގެ ހައްގުގައި އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭރުން ގައުމުގެ ކަންކަން ހަމައަކަށް އެޅިގެންދާނެ ކަމަށެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ އޭނާގެ ފޯން އަދިވެސް ނުލިބޭ ކަަމަށާއި ފޯން ހިފަހައްޓައިގެން މިހާރު ކުރަނީ ކޮންކަމެއް ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ފުލުހުންގެ ތެރޭގައި ތިބި ގިނަ ބޭފުޅުންނަކީ ވަރަށް ރަނގަޅު ބޭފުޅުން ކަމަށާއި ނަމަވެސް ވެރިން އެންގީމާ އަންގާހާ ގޮތަކަށް ކަންކުރާ މަދު ބަޔަކުވެސް ފުލުހުންގެ ތެރޭގައި ތިބިކަމަށްވެސް ވިދާޅުވި އެވެ. އަދި އެފަދަ ފުލުހުންނަށް ކަމެއް ދިމާވާ ދުވަހު އެމީހުންނަށް ގާނޫނާ ހިލާފަށް ކަންކަން ކުރަން އެންގި ވެރިން އެމީހުންގެ ދިފާއުގައި ނުތިބޭނެތީވެ ގާނޫނާ އެއްގޮތަށް ފުލުހުން އަމަލުކުރުމަށްވެސް ރިޔާޒު ވަނީ އެދިވަޑައިގެންފަ އެވެ.
އަބްދުﷲ ރިޔާޒުގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ހުރަސް އެޅުމުގެ ދައުވާ އުފުލީ އޭނާގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކާ ގުޅިގެން ތަހުގީގު ކުރަމުންދިޔަ މައްސަލައަކަށް އޭނާގެ ފޯނު ޗެކް ކުރުމަށް ޕިން ކޯޑް ޖަހައިދޭން އެދުމުން ކޯޑު ޖަހާދީފައިނުވާތީ ކަމަށް ބުނެ އެވެ.
މިމައްސަލައިގެ ހުކުމް ކުރުމަށް މިއަދު ހެނދުނު 10:30 އަށް ކުއްލި ގޮތަކަށް ޝަރީއަތް ތާވަލްކޮށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް ރިޔާޒަށް އެންގީ ވެސް ޝަރީއަތް ފެށެން ކުޑަވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
ރިޔާޒުގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ އަޑުއެހުންތައް ނިންމާލާ ހުލާސާ ބަޔާން އިއްވީ މިދިޔަ މެއި މަހުގެ 16 ވަނަ ދުވަހު އެވެ.
އަބްދުﷲ ރިޔާޒުގެ ފޯނު ކޯޓު އަމުރެއް ދަށުން ފުލުހުން ގެންގޮސްފައިވަނީ މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ.
ދައުލަތުން ރިޔާޒުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ހަތަރު މީހެއްގެ ނަން ހެކިންގެ ގޮތުގައި ކޯޓަށް ހުށަހެޅި އެވެ.
އަބްދުﷲ ރިޔާޒު ވަނީ މިމައްސަލަ އަނބުރާ ގެންދިއުމަށާއި އަދި ދައުވާ އުފުލަށް ޕީޖީ އޮފީހަށް ފޮނުވާ މީހުންގެ މައްސަލަތަކުގައި ޕީޖީ ދެއްވާ ދެވަނަ ފުރުސަތުގެ ދަށުން ފުރުސަތު ދެއްވުމަށް ވެސް މީގެ ކުރިން ޕީޖީ އޮފީހުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް ޕީޖީ އޮފީހުން މިއިން އެއްވެސް ކަމެއް ކޮށްދިނުމަށް ވަނީ ދެކޮޅު ހަދާފަ އެެވެ.
ރިޔާޒުގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ނިމި ހުކުމްކޮށްފައިވާއިރު އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރުމަށް އެންމެ އިސްކޮށް މަސައްކަތް ކުރައްވާ އެއް މެންބަރެވެ.
މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ