ކަރަންޓު ބިލް ހެދުމަށް މީޓަރުގެ ފޮޓޯ ފޮނުވާކަށް ދެން ނުޖެހޭނެ

ލޮކްޑައުންގައި އަލަމުކުރަމުން އައި ގޮތަށް ދެން ކަރަންޓު ބިލުތަކަށް މީޓަރުގެ ފޮޓޯ ފޮނުވަން ނުޖެހޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 ފެނުމާ އެކު އިއުލާންކޮށްފައިވާ ލޮކްޑައުން ހާލަތުގައި ކަރަންޓު ބިލު ތައްޔާރު ކުރުމަށް ކޮންމެ ގޭބީސީއަކުން ވެސް ޖެހެނީ ސްޓެލްކޯ އިން އަންގާފައިވާ ވަކި މުއްދަތެއްގެ ކުރިން އެ ގޭބީސީއެއްގެ ކަރަންޓު މީޓަރުގެ ފޮޓޯއެއް ސްޓެލްކޯގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޮނުވާށެވެ. އަދި ބިލުތައް ތައްޔާރުކުރަނީ ބޭނުންކޮށްފައިވާ މިންވަރުން ވަކި ޕަސެންޓެއް ކުޑަކޮށްފަ އެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ލޮކްޑައުން ހާލަތުގައި ފާއިތުވި ދެ މަހު މި ގޮތަށް އަމަލު ކޮށްފައިވާއިރު އާންމުންނަށް ދަތިތަކާ ކުރިމަތުވެފައިވާކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން ގިނަ ބަޔަކަށް ޕޯޓަލް މެދުވެރިކޮށް މީޓަރުގެ ފޮޓޯ ފޮނުވިފައި ނުވާތީ އެ ގޭބީސީތަކުގެ ބިލް ތައްޔާރުކޮށްފައި ވާނީ ފާއިތުވެދިޔަ މަސްތަކުގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ބަލައި އެވްރެޖަށް ކަމަށެވެ.
ލޮކްޑައުންގައި މާލެ ސަރަހައްދު އޮންނަތާ ދެމަސް ދުވަސްވެފައިވާއިރު، ބަލީގެ ހާލަތަށް ބަލައި ސަރުކާރުން މިހާރު އަންނަނީ ލުއިތައް ދެމުންނެވެ. އެގޮތުން ވަކި ހުއްދަތަކަކާ އެކު އޮފީސްތައް ހުޅުވައި މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެހެންވެ، ސްޓެލްކޯ އިން ބުނީ މި ލުއިތަކާ އެކު ސްޓެލްކޯގެ މުވައްޒަފުން ގޭބީސީތަކުގެ މީޓަރު ރީޑިން ނަގަން ދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި މަހުން ފެށިގެން މީޓަރުގެ ފޮޓޯ ފޮނުވަން ނުޖެހޭނެ ކަމަށެވެ.
އެހެން ނަމަވެސް އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި އަދިވެސް ބިލް ދައްކަން ޖެހޭނީ އޮންލައިންކޮށް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. އެގޮތުން ކަރަންޓު ބިލުތައް ސްޓެލްކޯ އެޕްލިކޭޝަން މެދުވެރިކޮށް ދެއްކޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ