މިއީ މެރިޓައިމް ދާއިރާގެ މަންފާ ހޯދަންވީ ވަގުތު: ނަހުލާ

މިވަގުތަކީ ވަޅުޖެހިފައިވާ މެރިޓައިމްގެ ދާއިރާ ކުރިއަރުވައި އޭގެ މަންފާ ގައުމަށް ހޯދަންވީ ވަގުތު ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ އިގުތިސާދަށާއި ވިޔަފާރިއަށް ބޯޓުދަތުރުކުރާ މީހުން ކޮށްދެމުން އަންނަ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 25 ވަނަ ދުވަހު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ސީމަނުންގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ޚިޠާބުގައެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ އާއިލާއާއި ލޯބިވާ މީހުންނާ ދުރުގައި ކަނޑުމަތީގައި ވަގުތުތައް ހޭދަކުރަމުންދާ ސީމަނުންނަށްވެސް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ބިރަކީ ބަރާބަރަށް މުސާރަ ނުލިބުމާއި، ފެނާއި ކާބޯތަކެތި މަދުން ލިބުމާއި، ސިއްހީ ޚިދުމަތްތައް ލިބުމުގެ ދަތިކަން ހުރުމާއި، ގިނަވަގުތު މަސައްކަތް ކުރަން ޖެހުން ކަމަށެވެ. ކޮވިޑް-19 ގެ މިބަލިމަޑުކަމުގެ ސަބަބުން އެމީހުން ވަނީ ކުރިއަށް ވުރެ ބޮޑަށް އާންމުންނާ ދުރުވެ އެކަހަރިވެފައި ކަމަށެވެ. މިދަތިތަކުން އަރައިގަތުމަށް އާންމު ރައްޔިތުންނާއި ކަމާބެހޭ މުއައްސަސާތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ކަނޑުމަތީގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާބަލާއިރު ދިވެހިރާއްޖެ އަކީ ގައުމުގެ ބޮޑު ބައެއް ކަނޑުގެ ސަރަހައްދުގެ ގޮތުގައި ހިމެނޭ ގައުމެއް ކަމާއި، މައިގަނޑު ގޮތެއްގައި ދަތުރުފަތުރުގެ ނިޒާމު ބިނާވެފައިވަނީ ކަނޑު މަގުން ކަމަށްވާއިރު، ކޮންމެ ދުވަހަކު، ކޮންމެ ހިނދެއްގައިވެސް އެތައްސަތޭކަ އުޅަނދެއްގައި އެތައްސަތޭކަ ސީމަނުން ރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރަމުންދާކަން މިނިސްޓަރ ނަހުލާ ވަނީ ފާހަގަކުރައްވާފައެވެ.
ނަހުލާ ވިދާޅުވީ އެހެން ސިނާއަތްތަކުގައި މަސައްކަތްކުރުމަށް އޮތް ފުރުސަތުތައް ގިނަ ނަމަވެސް، މެރިޓައިމްގެ ދާއިރާއަކީ ރަގަޅު ފުރުސަތުތަކެއް ހުރި، އާމްދަނީ ރަގަޅު ދާއިރާއެއްކަން މިއަދުގެ ޒުވާނުންނަށް ވިސްނައިދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިސިނާއަތަށް ޒުވާނުން ޝައުގުވެރިކުރުމަށްޓަކައި ނުވަތަ މި ސިނާއަތާ ގުޅޭ ޒުވާނުން އިތުރުކުރުމަށްޓަކައި ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، އެފުރުސަތުތައް އެމީހުންނަށް ފަހިކޮށްދިނުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.
އެކަމަނާ ވިދާޅުވީ ދިވެހިރާއްޖޭގެ މެރިޓައިމް އިންޑަސްޓްރީ ކުރިއެރުވުމަށް ސަރުކާރުގެ އިސްތިރާޖީ އެކްޝަން ޕްލޭންގައި ހިމަނައި، އަމަލީ ފިޔަވަޅު އެޅުމުގެ ކަންކަން ވަނީ ފަށާފައި ކަމަށެވެ. އެގޮތުން، “ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓް” ތައާރަފްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެ ކަމަށެވެ. ސީމަނުންނަށާއި ސުޕަރޔޮޓް ފަހަރުގައި މަސައްކަތް ކުރަން ބޭނުންވާ ޒުވާނުން އުފައްދައި، ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖެއާއި ބޭރުގެ ފަރާތްތަކާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން 30 ނެވިގޭޝަން އޮފިސަރުންނާއި 30 އިންޖީން އޮފިސަރުން ތަމްރީންކުރުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ދާދި ފަހުން ސަރުކާރުން ނޭޝަނަލް ޝިޕިންގ ކުންފުންޏެއް އުފެއްދުމަކީ މި ސިނާއަތް ތަރައްގީކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން އެޅި މުޙިހި އަދި ބޭނުންތެރި ފިޔަވަޅެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ޓްރާންސްޕޯޓް މިނިސްޓަރުގެ ޚިޠާބުގައި ވަނީ ފާއިތުވި އަހަރުތަކުގައި މިދާއިރާ ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް މި ސިނާއަތަކީ ގައުމަށް ކިހާ މުހިންމު އަދި ފައިދާ ބޮޑު ސިނާއަތަކެއްކަން މީގެ ކުރިން އަޅުގަނޑުމެން ވަނީ ތަޖުރިބާކޮށްއި ކަމަށެވެ. މިއީ ވަޅުޖެހިފައިވާ މި ސިނާއަތް އަލުން ކުރިއަރުވައި ގައުމަށް އޭގެ މަންފާ އެންމެ އެދެވޭ ގޮތުގައި ހޯދުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާ ނެރުއްވި ޚިޠާބުގައި ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ