އައްޑޫ ސިޓީގެ ހިތަދޫގައި މޫދަށް އެރި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު ގެއްލުނު ދެކުދިންގެ ތެރެއިން ހިތަދޫ، ޗަނބޭލީގެ، އަލީ ފަހުމީ ލައިގެން ހުރި ސޯޓް ފެނިއްޖެ އެވެ.
އަލީ ފަހްމީގެ އާއިލާއާ ހަވާލާދީ އެ ކުއްޖާގެ އަވަށްޓެރިޔަކު މިއަދު ވަނީ މިކަން ވީނިއުސްއަށް ޔަގީންކޮށްދީފަ އެވެ.
ވީނިއުސް އަށް މައުލޫމާތު ދިން މީހާ ބުނީ އަލީ ފަހްމީ ހޮނިހިރު ދުވަހު މޫދަށް ދިޔައީ އޭނާގެ ކޮއްކޮއެއްގެ ސޯޓް ލައިގެން ކަމަށާއި މި ސޯޓް ފެނިފައިވަނީ އަލީ ފަހްމީ މޫދަށް އެރި އުޅުނު ހިތަދޫ މެދު ދާއިރާގެ ފުއްޓަރު ފަރާތު ފަރުމަތިން ކަމަށެވެ.
މައުލޫމާތު ދިން މީހާ ބުނީ މިއަދު މި ސޯޓް ފެނިފައިވަނީ ފުލުހުންނަށް ކަމަށެވެ. ނަމަވެސް މިކަމުގައި ފުލުހުންގެ ބަހެެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އައްޑޫގެ ހިތަދޫ މެދު ދާއިރާގެ ފުއްޓަރު ފަރާތަށް މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނީ އުމުރުން 17 އަހަރުގެ އަލީ ފަހުމީގެ އިތުރުން އެރަށު ޓޮޕާޒް އުމުރުން 14 އަހަރުގެ މަޔާމީން އަލީ އެވެ. މިކުދިންނާ އެކު އިތުރު ކުޑަ ފިރިހެން ކުއްޖަކު ވެސް މޫދަށް އެރި އުޅުނެވެ. ނަމަވެސް އެ ސަރަހައްދުގައި އެވަގުތު ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ މަސައްކަތުން ވަނީ މިކުއްޖާ ސަލާމަތްކޮށްފަ އެވެ. ސަލާމަތްވި ކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު އެ ކުއްޖާގެ ހާލު ރަނގަޅެވެ.
މި ދެ ކުދިން ހޯދުމަށް ފުލުހުންނާއި ސިފައިން ކުރަމުންދާ މަސައްކަތުގައި ވައިގެ މަގުންނާއި ކަނޑުމަގުން ގާތްގަނޑަކަށް ތިން ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ވަނީ ބަލާފަ އެވެ. މިކުދިން ހޯދުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުންދާއިރު މިކުދިންނާ ގުޅޭ މައުލޫމާތެއް އަދި ލިބިފައި ނެތް ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ގެއްލިފައިވާ ދެ ކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިތަނުން އެއް ކުއްޖަކު ލައިގެން އުޅުނު ކަމަށް ބެލެވޭ ޓީޝާޓެއް ހޮނިހިރު ދުވަހުގެ ރޭ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ގެއްލިގެން އުޅޭ ދެ ކުދިންނާއެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތް ކުރެވުނު ހިތަދޫ، ބްލޫގޭ، އުމުރުން 16 އަހަރުގެ އަލީ ރާއިފް ވަނީ ފުލުހުންނަށް ފެނިފައިވާ ޓީޝާޓަކީ ގެއްލިގެން ހޯދަމުންދާ ދެ ކުދިންގެ ތެރެއިން ކުއްޖަކު ލައިގެން އުޅުނު ޓީޝާޓެއް ނޫން ކަމަށް ބުނެފަ އެވެ.
ވީނިއުސް އަށް އިއްޔެ މައުލޫމާތު ދެއްވަމުން އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަޝްރިފް ވިދާޅުވީ ގެއްލުނު ދެ ކުދިން މޫދަށް އެރުނު ސަރަހައްދަކީ އާންމުކޮށް މީހުން މޫދަށް އެރޭ ސަރަހައްދެއް ކަމަށާއި އާންމު ދުވަސްތަކުގައި މޫދަށް އެރެން އެއީ ރައްކާތެރި ސަރަހައްދެއް ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހަކީ މޫސުން ގޯސް ދުވަހަކަށްވެފައި އެ ސަރަހައްދުގެ ގޮނޑު ދޮށާއި ފަރާ ދޭތެރޭ މާބޮޑު ސަރަހައްދެއް ނެތުމުން ފަރަށް ބިންދާލައި ބޮޑެތި ރާޅުތައް ގޮނޑުދޮށަށް ބީއްސާލުމަށްފަހު ރާޅާއެކު، އެ ކުދިން ބޭރަށް ދަމައިގަތީ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވި އެވެ.
ހިތާމަވެރި މިހާދިސާއަށްފަހު މޫސުން ގޯސް ދުވަސްވަރު މޫދަށް އެރޭއިރު ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ އިސްކަމެއް ދެއްވުމަށްވެސް ޔަޝްރިފް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ގެއްލިގެން ހޯދާ ދެ ކުދިންގެ ތެރެއިން އަލީ ފަހްމީގެ ސޯޓް ފެނިއްޖެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ