ރިޔާސީ އިންތިހާބުގައި މަދު ރިސޯޓްތަކެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓް ކަރުދާހުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ފާހަަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ބަދަލުނުކޮށްފިނަމަ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ކުރީގެ ބަންޑާރަނައިބް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން ސުއޫދު ވިދާޅުވީ މަދު ރިސޯޓްތަކެއްގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވާ ނިންމުމާއި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓް ކަރުދާހުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ފާހަަގަ ޖަހައިދޭ ގޮތަށް ނިންމުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަން ފާހަގަކުރައްވަމުން ސުއޫދު ވިދާޅުވީ ކޮމިޝަންގެ މި ނިންމުމާ ގުޅިގެން ކޯޓަށް ވަޑައިގަތުމަށް ނިންމެވީ އެތައް ބައެއްގެ ހައްގު ގެއްލިގެންދާތީ އެކަން ކަށަވަރުކޮށްދިނުމަށް ކަމަށެެވެ.
ސުއޫދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނިންމުންތައް ގެޒެޓްކުރުމާ އެކު ލަސްނުކޮށް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.
ޝަރުއީ ދާއިރާގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް އެކަންކަމަށް ސުއޫދު އަބަދުވެސް ފާޑު ވިދާޅުވަމުން ގެންދަވާތީ ކޯޓަށް ހުށަހަޅުއްވަން ތައްޔާރުވަމުންދާ މައްސަލާގައި އިންސާފުވެރި ހުކުމެއް ކޮށްފާނެތޯ ދެންނެވުމުން ސުއޫދު ވިދާޅުވީ "ފަހަރުގައި ނަސީބުވެސް އަތުގައި ހިފާފާނެ" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ނިންމާފައިވާ ގޮތަށް ހަތް ރިސޯޓްގައި ވޯޓް ފޮށި ބަހައްޓައިފިނަމަ ރިސޯޓްތަކުގައި މަސައްކަތް ކުރައްވާ 10،000 މުވައްޒަފުންނަށް ވޯޓް ލުމުގެ ހައްގު ގެއްލިގެން ހިނގައިދާނެ ކަަމަށް އެފަރާތްތަކުގެ ހައްގު މަސައްކަތް ކުރާ ފަރާތްތަކާއި އިދިކޮޅު ޕާޓީ ތަކުން ދަނީ ބުނަމުންނެވެ.
މީގެކުރިން ބޭއްވި ގައުމީ އިންތިހާބުތަކުގައި އަމަލުކޮށްފައިވަނީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓް ކަރުދާހުގައި ފާހަގަ ޖަހައިދެނީ އެމީހަކު އިހްތިޔާރު މީހެކެވެ. އެކަމަކު މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓް ކަރުދާހުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ފާހަަގަ ޖަހައިދޭ ގޮތަށް މިދިޔަ ހަފްތާގައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނެސްފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މިނިންމުންތަކާ ގުޅިގެން އިދިކޮޅު ޕާޓީ ތަކާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާ ތަކުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބުނީ އެއްވެސް ރައްޔިތެއްގެ ވޯޓް ލުމުގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް އެކޮމިޝަނުން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އީސީގެ ނިންމުންތައް ބާތިލްކުރަން ސުއޫދު ސުޕްރީމް ކޯޓަށް ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ