ހަ އެއާޕޯޓް ހެދުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ރޭހަށް އެންމެފަހުން މުނި އެންޓަފްރައިސަސް

އަތޮޅުތެރޭގައި އެޅުމަށް ނިންމާފައިވާ ހަ އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދުމަށް މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓަކްޗާއިން މިއަދު ވަނީ، މުނި އެންޓަޕްރައިސަސް އާ ދެމެދު ފައިނޭންސިން އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. ސަރުކާރުން އެއާޕޯޓް އެޅުމަށް އިއުލާނުކޮށްފައިވާ ރަށްތަކަކީ ށ. ބިލެތްފަހި، ބ. ތުޅާދު، ތ. ވިލުފުށި، ފ.މަގޫދޫ، ހދ. މަކުނުދޫ އެވެ. މީގެ އިތުރުން ރ އަތޮޅު ދެކުނު ބިތުގެ ރަށެއްގައިވެސް އެއާޕޯޓެއް އެޅުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މި ރަށުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، މުނި ކުންފުންޏާ ހަވާލުކުރީ ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނޭ ރަށެއް ލިބޭ އުސޫލުން އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަންކަމަށެވެ. ޕްލޭނިން މިނިސްޓްރީން މުނި އެންޓަޕްރައިސަސް އާ އެކު ސޮއިކުރުމުގެ ތެރެއިން--- ފޮޓޯ/ޕްލޭނިންގ މި ރަށްތަކުގައި އެއާޕޯޓް ހެދުމަށް މިދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ވަނީ ހަދާފައެވެ. އިތުރު ކުންފުންޏަކާއެކު ފައިނޭންސް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އެއްބަސްވުން ހެދިއިރު، މި ދެ ކުންފުނިން ފައިނޭންސް ހޯދާނެ ރަށްތަކެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ. ސަރުކާރުން ވަނީ މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ޚަރަދުތައް ލަފާކޮށްފައެވެ. އެގޮތުން މަކުނުދޫ އެއާޕޯޓަށް 23.3 މިލިއަން ޑޮލަރު، ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރުގެ ޚަރަދުވާނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ