އަޅުގަނޑާ އަސްލު ވާދަކުރަނީ ޕީއެންސީން: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އެމަނިކުފާނާ ވާދަކުރައްވަނީ ސަރުކާރު ހިންގާ ޕީއެންސީ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.ސަންގު ޓީވީން ރޭ ގެނެސްދިން "ހެލޯ އަންނި" ޕްރޮގްރާމުގައި ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަކީ ކުރިމައްޗަށް ފެންނަން ހުރި ކެންޑިޑޭޓް ނޫން ކަމަށާއި މި އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވަނީ ޕީއެންސީއާ ކަމަށެވެ."އަސްލު ވާދަކުރަނީ ޕީއެންސީ. ދެން ތިބޭފުޅުން (އެމްޑީޕީގެ އާންމު މެމްބަރުން) ނިންމާ ކޮން ކޮޅަކަށްތޯ ވޯޓު ދެއްވަން ބޭނުންވަނީ. އެމްޑީޕީއަށްތޯ ޕީއެންސީއަށްތޯ،" ނަޝީދު ވިދާޅުވި އެވެ.ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވަނީ ކަރުދާހުގައި ފެންނަން ހުރި ކެންޑިޑޭޓާ ނޫންކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އޭނާ ބަލިކުރަން ޕީއެންސީންނާއި ރައީސް މުއިއްޒު މާ ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިންތިހާބު 100 ޕަސެންޓު ޔަގީންކަމާ އެކު ކާމިޔާބު ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ."އަޅުގަނޑު މޮޅުވީމާ ޑރ. މުއިއްޒު މުންޑުން އަނދެގެން ގޭގައި އޮންނަވަން ޖެހިވަޑައިގަންނަވާނެ. އެއްގޮތަކަށް ވެސް ބޭރަށް ނުކުމެ އުޅުއްވައިގެން ނުވާނެ،"ނަޝީދު ވިދާޅުވިއެވެ. ރައީސް މުއިއްޒަކީ އިންތިހާއަށް ބޭވަފާތެރި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް ޔާމީންގެ "ހުސްގޮނޑި" ދައްކަވައިގެން ކަމަށާއި، މިހާރު މުއިއްޒު އަސްލު ހައިސިއްޔަތެއް ނެތް ކަމަށެވެ.ނަޝީދު ވިދާޅުވީ އެމްޑީޕީގައި އުޅުއްވަނީ އެއްވެސް ގޮތަކަށް ތަން ދޮރު ނޭނގޭ މީހުން ނޫން ކަމަށާއި ރާއްޖޭގައި ސިޔާސީ ވިސްނުމެއް ވިސްނާ ބަޔަކު އުޅޭ ކަމަށްވާނަމަ ތިބީ އެމްޑީޕީގައި ކަމަށެވެ.ރައީސް ނަޝީދާއެކުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ހުންނެވިއިރު، ރައީސް ސޯލިހާއި އެ މަނިކުފާނުގެ ޓީމް ތިއްބެވީ މީކާއިލަށް ތާއިދުކުރައްވައިގެންނެވެ. ދެ ފަރާތުން ވެސް ވަރުގަދަ ކެމްޕެއިންތައް ކުރައްވައި، ބަހުގެ ހޫނު ހަމަލާތައް އަންނަނީ ރައްދުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ