އެކި ކަންކަމުގައި މާލެ ސިޓީ ކައުންސިލުން ބައްދަލުކޮށް މަޝްވަރާކުރަން އެދި ހައުސިން މިނިސްޓްރީއަށް ފޮނުވާ ސިޓީތަކަށް ޖަވާބެއް ނުދޭތީ އެ ކައުންސިލުގެ ހުރިހާ މެންބަރުން މިއަދު ހައުސިން މިނިސްޓްރީއަށް ހިނގައްޖެ އެވެ.
މާލެ ސިޓީ ކައުންސިލުގެ 17 މެންބަރުންނާއި މޭޔަރު، އާދަމް އާޒިމް ހައުސިން މިނިސްޓްރީއަށް ވަޑައިގަތީ މިއަދު މެންދުރު 11:45 ހާއިރު އެވެ. ހައުސިން މިނިސްޓްރީއަށް ދިޔައީ، މާލެ ސިޓީ ކައުންސިލުގެ އެއްވެސް ހުށަހެޅުމަކަށް އެ މިނިސްޓްރީން ޖަވާބެއް ނުދޭތާ ދެ އަހަރު ފާއިތުވުމުން ކަމަށް އެ ކައުންސިލުގެ މެންބަރުން ބުންޏެވެ.
"އަޅުގަނޑުމެން އެ ތަނަށް ދިޔައީ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭތީ، މިސާލަކަށް މާލޭ މަސްކާރުކޭޓު އެއީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ބަޔަކަށް ކޮންޓްރެކްޓު ހަދާފައި އޮތް ތަނެއް، އެ ކޮންޓްރެކްޓު އެގޮތަށް އޮއްވައި އަޅުގަނޑުމެންނަށް ނާންގައި އެ ތަން އެހެން ބަޔަކަށް ނުދެވޭނެ ނޫންތޯ؟،" މޭޔަރު އާދަމް އާޒިމް ވިދާޅުވި އެވެ.
މާލޭ މަސްމާރުކޭޓު ކުރިމަތިން ހުންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައި "މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް" ގެ ނަމުގައި އިމާރާތެއް އެޅުމަށް ނިންމައި 126 މިލިއަން ރުފިޔާއަށް އެ މަސައްކަތް ކުރުމަށް ޓްރަސްޓެންގް މޯލްޑިވްސްއާ ސަރުކާރުން ހަވާލުކުރީ މާޗު 15، 2026، ގަ އެވެ.
މަސް މާރުކޭޓާއި ލޯކަލް މާރުކޭޓު އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށް ހަދާ އެ އިމާރާތުގެ ބިމުއަޑީ ފަންގިފިލާ ހާއްސަކުރަނީ ޕާކިންއަށެވެ. އެންމެ ތިރީ ފަންގިފިލާގައި ހުންނާނީ މަސް މާރުކޭޓެވެ. މައްޗަށް ދެން ހުރި ތިން ފަންގިފިލާ ހާއްސަކުރަނީ މޭވާ އާއި ތަރުކާރީ އާއި ދިވެހި އުފެއްދުންތަކަށެވެ. އެންމެ މަތީ ފަންގިފިލާ ހާއްސަކުރަނީ ފުޑް އައުޓްލެޓްތަކަށެވެ.
އެ މަސައްކަތް ފެށުން ލަސްވަނީ އެ ބިން މާލެ ސިޓީ ކައުންސިލުން ހަވާލު ނުކުރާތީ ކަމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. ނަމަވެސް، އެ ބިން ހަވާލު ނުކުރެވި ލަސްވަނީ އެ ބިމަކީ ދެ ކުންފުންޏަކާ ހަވާލު ކޮށްފައި އޮތް ބިމަކަށް ވާތީ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.
"މަސްމާރުކޭޓު ކަންތަކުގައި ވެސް މަޝްވަރާ ކޮށްގެން ކުރިއަށް ގެންދަންޖެހޭނީ ދެއްތޯ؟ ކައުންސިލުން ކޮންޓްރެކްޓު ހަދާފައި ބަޔަކަށް ދީފައި އޮތް ތަނެއް، އެ ކޮންޓްރެކްޓު ބާތިލުނުކޮށް އެހެން ބަޔަކަށް ނުވެސް ދެވޭނެއެއްނޫންތޯ؟،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވެސް މި ތިބީ އެކަން ކުރަން ދޭން، އެއީ ވަަރަށް ވިޔާނުދާ ކަމެއް ނޫންތޯ އެ ކުރަނީ؟ އަނެއްހެން ބުނަންޏާ ގާނޫނާ ހިލާފު ކަމެއް ދެއްތޯ ކޮށްގެން އެ ތިބީ."
އާޒިމް ވިދާޅުވީ އެ ކަމުގެ އިތުރުން މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމާ ގުޅޭ ކަންކަން ވެސް މާލެ ސިޓީ ކައުންސިލުގެ ހައުސިން ކޮމިޓީއާ މަޝްވަރާ ނުކުރާ މައްސަލަ އާއި ވިލިމާލެ އާއި މާލެއާ ދެމެދު ބްރިޖު އަޅާއިރު، ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވެހިކަލްތައް ޕާކު ކުރެވޭނެ ޖާގަ ތަރައްގީ ކުރުން ފަދަ ކަންކަމުގައި މަޝްވަރާ ކުރަން އެދުމުން ހައުސިން މިނިސްޓްރީން ޖަވާބެއް ނުދެއްވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން މި ދިޔައީ އެތަނަށް، ދެން ޕީއެސް ވިދާޅުވި މި އަންނަ ހަފުތާގައި އެޕޮއިންޓްމެންޓެއް ދެއްވާނަމޭ، އެހެންވީމާ އަންނަ ހަފުތާގައި ވެސް އަޅުގަނޑުމެން ދާނަން އެ ތަނަށް،" އާޒިމް ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ބައްދަލުކުރަން އެދުމުން ހައުސިން މިނިސްޓްރީން އެއްވެސް ޖަވާބެއް ނުދެއްވާ މައްސަލަ ބޮޑުވެފައިވާއިރު، މާލޭގެ ބިންތަކާ ގުޅޭ މައްސަލަތައް ބެލުމަށް މާލެ ސިޓީ ކައުންސިލުގައި މިދިޔަ ދައުރުގައި ތިއްބެވި ޕީއެންސީ ކައުންސިލަރުން ވަނީ ހުރަސް އަޅައިފަ އެވެ.
މާލޭ މަސްމާރުކޭޓު މައްސަލަ އެއީ ޕީއެންސީން ހުރަސް އަޅަމުން ދިޔުމުގެ ސަބަބުން ނުބެލި އޮތް އެއް މައްސަލަ އެވެ.
ހައުސިން މިނިސްޓްރީން ޖަވާބެއް ނުދޭތީ މާލެ ސިޓީ ކައުންސިލުގެ މެންބަރުން އެ މިނިސްޓްރީއަށް ހިނގައްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ