ތަކަންދޫގައި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އިތުރު ޖެންސެޓެއް އިންސްޓޯލްކޮށް ޚިދުމަތް ދޭން ފަށައިފި

ހއ. ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށައިފިއެވެ.
މިކަންވަނީ ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައެވެ. މިގޮތުން ފެނަކަ ކޯޕަރޭޝަނުން ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ހއ. ތަކަންދޫގައި އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށައިފައިވާކަމަށެވެ.
ކަރަންޓުގެ މައްސަލައަކީ، އަތޮޅުތެރޭގެ ބައެއް ރަށްރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކުރެވެއެވެ. މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުން އަންނަނީ، މުޙިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އާބާދީ ކުޑަ ރަށްރަށާއި، އާބާދީ ބޮޑު ސިޓީތަކުގައިވެސް ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން އަންނަނީ، މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން، ތިލަދުންމަތީ އުތުރުބުރި ތަކަންދޫގައި މިހާރުވަނީ އައު ޖެންސެޓެއް އިންސްޓޯލް ކުރުމަށްފަހު ބޭނުންކުރަން ފަށާފައެވެ. ތަކަންދޫގައި އިތުރުވަމުން އަންނަ އާބާދީއާއެކު ކަރަންޓަށް އޮންނަ ޑިމާންޑުވެސް އަންނަނީ، އިތުރުވަމުންނެވެ. އެރަށުގައި އިންސްޓޯލް ކުރި އައު ޖެންސެޓާއެކު އެރަށުގެ ކަރަންޓުގެ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.
ތަކަންދޫއަށް ގެނައި 250 ކިލޯވޮޓުގެ އައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ތަކަންދޫ ބްރާންޗުގެ މެނޭޖަރ އަބްދުﷲ ރަޝީދު ވިދާޅުވީ، ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުން ކުރުމަކީ، ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ބޮޑު ޙައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ތަކަންދޫގައި އައު ޖެންސެޓެއް އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައިވަނީ، މިމަހުގެ 2 ވަނަ ދުވަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ