ސޮވްރިން ފަންޑަށް މިއަދާ ހަމައަށް 65 މިލިޔަން ޑޮލަރު ޖަމާކޮށްފިން: ރައީސް

ވެރިކަމާ ހަވާލުވިއިރު 2 މިލިޔަން ޑޮލަރުގައި ހުރި ސޮވްރިންގ ޑިވޮލޮޕްމަންޓް ފަންޑު، މިއަދާ ހަމައަށް 65 މިލިޔަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސޮވްރިން ފަންޑަށް ޖަމާކުރަނީ ބޭރުގެ ލޯނުތައް ދެއްކުމަށްޓަކައި ސަލާމަތްކުރާ ފައިސާކަން ފާހަގކުރައްވަމުން ރައީސް ވަނީ މިއަދާ ހަމައަށް އެފަންޑަށް 65 މިލިޔަން ޑޮލަރު ޖަމާކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ އިޤްތިޞާދީ އެޖެންޑާ ތަންފީޒުކުރަން ފަށައި، މިއަދުގެ ހާލަތު، މިއަދު 26 ޖުލައިއާ ހަމައަށް މި ދެންނެވި 2 މިލިޔަން ޑޮލަރުގައި ހުރި ފަންޑަށް އަޅުގަނޑުމެން ޖަމާކޮށްފިން މިހާރު 65 މިލިޔަން ޑޮލަރު" ރައީސް ވިދާޅުވިއެވެ.
އަމާޒަކީ މިއަހަރު ނިމޭއިރު ސޮވްރިން ފަންޑަށް 100 މިލިއަން ޑޮލަރު ޖަމާކުރުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ސޮވްރިން ފަންޑުގައި 500 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނަ އަދަދަކަށް ފައިސާ ހުރިކަމަށެވެ. ނަމަވެސް އެ ސަރުކާރުގެ ވެރިކަން ނިމުނުއިރު، އެ ފަންޑުގައި ހުރި ހުރިހާ ޑޮލަރެއްހެން މާރުކޮށްފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޤާނޫނީ ބާރުވެރިކަން ދިނުމަށް ސަރުކާރުގެ ފަރާތުން، މިހާރުވަނީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
މި ބިލުގެ ބަހުސް މަރުހަލާއަށްފަހު ބިލު ދިރާސާ ކުރުމަށްފަހު މިހާރުވަނީ އަންމުންގެ ޚިޔާލަށް ހުށަހަޅުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ