ބަލިވީމާ ނުވަތަ މުސްކުޅިވީމާ އެހީތެރިނުވެވޭނަމަ އެނަގައިލެވެނީ ސުވަރުގެ ވަންނަން ލިބޭ ފަހި ފުރުޞަތެއް!

މިރޭ މިދައްކަނީ ަމއިންބަފައިންގެ ވާހަކައެއް ނޫނެވެ. އެންމެން ހިމެނޭ ގޮތަށް އެންމެންގެ ވާހަކައެވެ. ނިކަން ވިސްނައިލަބަލާށެވެ! މުސްކުޅިވި ދުވަހު މައިންބަފައިން ބަލަން ފުރުޞަތު ނުލިބުމުންވެސް މުސްކުޅިއަކު ބެލިކަމުގެ ޘަވާބު ހޯދަން އެހީތެރިކަމަށް ބޭނުންވެފައިވާ އެފަދަ މީހުން ހޯދައިގެން ބެލުމުގެ ޘަޤާފަތަކީ މުސްލިމުންގެ ތެރޭގައި އޮތް ޘަޤާފަތެކެވެ. ނަމަވެސް މިއަދު އަހުރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ މިއުޅެނީ ތިމާއަށް ބަލަންޖެހޭ މީހުންވެސް ނުބެލިގެންނެވެ. 
އުމުރުން ދުވަސްވުމުންނާއި ބަލިވުން ނުވަތަ ނުކުޅެދުންތެރިކަމެއް ކުރިމަތިވުމުން "ނަރސިން ހޯމް"ތައް ފަދަ ތަންތަނަށް މީހާ ލައި އެހިސާބުން އެކަން ނިންމައިލުމަކީ ހުޅަނގުގެ އާދައެކެވެ. ނަމަވެސް މިއަދު މުސްލިމުންގެ ތެރެއިންވެސް ގިނަ ބައަކަށް މިކަންކަން ކުރެވެނީ ހަމަ އެފަދަ ގޮތަކަށެވެ. 
މީގެ އިތުރުން މުޞީބާތުގެ ވަގުތުތަކުގައި ދޭންޖެހޭ ސަމާލުކަން ދެވިފައި އޮންނަނީ ވަރަށް މަދުފަހަރަކުއެވެ. މުޞީބާތުގައި ތިބޭ މީހުން އެމީހުންގެ ޙާލުގެ ވާހަކަ ހާމަކުރުމުން ޖަވާބުގައި "ﷲ ތިބާއަށް ހެޔޮ ރަޙްމަތް ލައްވަވާށި! އަވަސް ޝިފާއަކަށް/ ޙައްލަކަށް އެދެން!" ކަމަށް ބުނެލުމުން ބަލަނީ އެއޮތީ ފުދިފައި ކަމަށެވެ. މީހަކު ބަލިވެ ނުވަތަ ނިކަމެތި ޙާލަތެއް މެދުވެރިވެއްޖެ ނަމަ ވެސް ސޯޝަލް މީޑިއާގައި ހެޔޮ ދުޢާއެއް ކުރުމަށްފަހު ފުއްދައިލުން މިއޮތީ ޢާންމު ކަމަކަށްވެފައެވެ. 
މީސްތަކުންނޭވެ! އެގޮތަށް އެކަން ކޮށްލުމަކުން މި ބަޔާންކުރާ ޙަދީޘްފުޅަށް ޢަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ. މި ޙަދީޘްފުޅަށް ޢަމަލުކުރެވުނުކަމަށްވާނީ އަޚާއަށް ނުވަތަ އަޚުންނަށް ކުރިމަތިވި މުޞީބާތަކީ ހަމަ ތިމާއަށްވެސް ކުރިމަތިވި މުޞީބާތެއް ކަމަށް ބަލައި އެކަމަކާއި ގުޅިގެން ތިމާއަށް ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުންނެވެ. ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމުންނެވެ. ޒިޔާރަތްކޮށް ޙާލު ބަލައި ހިތްވަރުދީ ހެޔޮދުޢާކޮށް ހެދުމުންނެވެ. 
މިޙަދީޘްފުޅުން އެނގިގެންދަނީ މުސްލިމުންނަކީ އެއް ބައެއް ކަމެއް ކަމެވެ. އެކަކަށް ވޭނެއް އަޅާނަމަ ނުވަތަ ދަތި އުނދަގުލެއް ފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެއީ އެންމެންނަށް ކުރިމަތިވި ކަމެއް ކަމަށް ބަލައި އެމުޞީބާތަކުން އެމީހަކު ސަލާމަތްކުރަން އެންމެންވެސް މަސައްކަތް ކުރަން ޖެހޭނެ ކަމެވެ. އެހީތެރިވެދޭން ޖެހޭނެ ކަމެވެ. އެ ރޫޙުގައި މުސްލިމުން މަސައްކަތްކުރަން ފަށައިފިނަމަ މުސްލިމުންނަށްވުރެ އުފަލުގައި ދުނިޔޭގައި އުޅޭނެ އެއްވެސް ބައަކު ނުވެއެވެ.
Prophet Muhammad (ﷺ) said:
The believers are like one person; if his head aches, the whole body aches with fever and sleeplessness.
Sahih Muslim 2586 Book 45, Hadith 86 
އިސްލާމީ މުޅި އުންމަތަށް ބެލިނަމަވެސް އެންމެ ބޮޑު ބަލިފައިގެ ގޮތުގައި ފެނިގެން މިދަނީ ބަލިވީމާ ބަލިމީހާ ދޫކޮށްލެވޭތަނެވެ. ބޮޑެތި ޤައުމުތަކުން ފެށިގެން ކުދި ޤައުމުތަކަށް، ބޮޑެތި މުޖުތަމައުތަކުން ފެށިގެން ކުދިކުދި މުޖުތަމައުތަކަށް، ރައްޔިތުންނާއި ހަމައިން ފެށިގެން ޢާއިލާތަކަށް ބެލި ނަމަވެސް ފެންނަމުން މިދަނީ ހަމަ އެ މަންޒަރެވެ. 
އަދި ކީއްހެއްޔެވެ؟ ބަލިމީހުންނަށް ޒިޔާރަތް ނުކުރުމާއި އެހީތެރިނުވުމަކީ ﷲ ތަޢާލާ އެކަންކަމާއިމެދު ޤިޔާމަތް ދުވަހުން ސުވާލުކުރައްވަވާނެ ކަންކަމެވެ. އެކަމުން އެނގެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ޢަމަލުކުރިނަމަ ޘަވާބު ދެއްވަވާނެކަމާއި އެކަލާނގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވަދެވޭނެ ކަމެވެ. އިން ޝާ ﷲ. ވީމާ މިދޫކޮށްލެވެނީ ސުވަރުގެ ވަންނަން ލިބެން އޮތް ފުރުޞަތެއް ނޫންހެއްޔެވެ؟
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ