ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ ’ކޫލް ސްކޫލް‘ ޕްރޮޖެކްޓް އިފުތިތާހުކޮށްފި

ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ ’ކޫލް ސްކޫލް‘ ޕްރޮޖެކްޓް މިއަދު އިފުތިތާހުކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ޕްރޮޖެކްޓް އިފުތިތާހުކޮށްދެއްވީ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއެވެ. 
މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް އެޑިޔުކޭޝަނުން މިނިސްޓްރީން ބުނެއެވެ.
Advertisement
ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ ’ކޫލް ސްކޫލް‘ ޕްރޮޖެކްޓް އިފުތިތާހު ކުރުން: ފޮޓޯ/ މިނިސްޓްރީ
’އެޑިޔުކޭޝަނުން ބުނެފައިވާ ގޮތުން، ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުއެވެ. އެގޮތުން އެ ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން ގޮސްފައިވަނީ މާފުށީ ސްކޫލް ކަމަށާ، މާފުށީ ކައުންސިލުން މި ޕްރޮޖެކްޓްގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަންދީފައި ކަން އެ މިނިސްޓަރީން ފާހަގަކުރެއެވެ. 
އަދި މި ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ނިންމާފައިވާއިރު މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ. 
މި ޕްރޮޖެކްޓްގެ ދަށުން ކުރިއަށް މިއޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއް އޭސީ ކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީއިން ވަނީ އަމާޒު ހިފާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ