އިޤުތިޞާދީ މިނިވަންކަން ކަށަވަރު ކުރުމަށް އެންމެ މުހިއްމު ޚިދުމަތަކީ ކަރަންޓު: ފަހުމީ

ދިވެހިރާއްޖޭގެ އިޤުތިޞާދީ މިނިވަންކަން ކަށަވަރު ކުރުމަށް އެންމެ މުހިއްމު ޚިދުމަތަކީ ކަރަންޓުގެ ޚިދުމަތް ކަމަށް ސްޓޭޓް އިލެކްޓް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ޝަރަފާއި މެޑަލް ޙާޞިލްކުރެއްވި ސްޓެލްކޯގެ 16 މުވައްޒަފުންގެ ޝަރަފުގައި އާދީއްތަ ދުވަހު އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގެ ވާހަކަފުޅު ދައްކަވަމުން ފަހުމީ ވިދާޅުވީ، ކަރަންޓާއި ނުލައި ޤައުމުގެ އިޤުތިޞާދީ މިނިވަންކަން ޔަޤީން ނުކުރެވޭނެކަމަކީ ފެންނާން އޮތް ހަޤީޤަތް ކަމަށެވެ.
ފަހުމީ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަކީ ހަމައެކަނި ސްޓެލްކޯއަށް ޚިދުމަތް ކުރާ ފަރާތްތަކެއް ނޫން ކަމަށާއި އެ މުވައްޒަފުން ޚިދުމަތްކުރަނީ ދިވެހި ދަޢުލަތަށް ކަމަށެވެ. އެހެންކަމުން ސްޓެލްކޯއިން ދޭ ޚިދުމަތް ހީނަރުވެއްޖެނަމަ އޭގެ އަސަރު ދަޢުލަތަށާއި އިޤުތިޞާދަށް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ޚިދުމަތް ކުރަނީ، އަދި މިހާތަނަށް ޚިދުމަތް ކުރަމުން މި ދަނީ، އަދި މުސްތަޤުބަލްގައި ޚިދުމަތް ކުރާނީ ދިވެހި ދަޢުލަތަށް. އެހެންކަމުން ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދިނުމުގަ އަޅުގަނޑުމެން ތިބެންވާނީ ފިސާރި ކެރިގެން. އެކަމުގަ ހީނަރުކަމެއް އައިސްގެން ނުވާނެ. ބައެއް ފަހަރަށް ހީވެދާނެ ސްޓެލްކޯއަށޭ (ޚިދުމަތް ކުރަނީ). ސްޓެލްކޯއެއް ނޫންކަން އަޅުގަނޑުމެންނަށް ޔަޤީން ދެއްތޯ؟ ސްޓެލްކޯއަށް ޚިދުމަތްކުރުމަކީ ދިވެހި ދަޢުލަތަށް ޚިދުމަތް ކުރުން. އެހެންކަމުން އަޅުގަނޑުމެން މި ދޭ ޚިދުމަތުގަ، ރައްޔިތުންނަށް މި ދޭ ޚިދުމަތުގަ އަޅުގަނޑުމެން ހީނަރުވެއްޖެޔާ ދިވެހި ދަޢުލަތް ހީނަރުވެ، އަދި ދިވެހި ދަޢުލަތުގެ އިޤުތިޞާދީ މިނިވަންކަން ހީނަރުވާނެކަމީ ޔަޤީންކަމެއް"، ފަހުމީ ވިދާޅުވިއެވެ.
ކަން މިހެން އޮތުމުން، ސްޓެލްކޯގެ ޚިދުމަތަށް 74 އަހަރު ފުރި 75 އަހަރު ފުރުމާއި ދިމާލަށް ކުރަމުންދާ ދަތުރުގައި ކުންފުނީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުރު ފުރިހަމަ ކަމާއިއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ހުރިހާ މުވައްޒަފުންވެސް އެއްވެސް ހީނަރުކަމެއް ނެތި މަސައްކަތް ކުރުމަށް ފަހުމީ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ