އެމެރިކާގެ ރައްޓެހި ޖަޕާނާއި ދެކުނު ކޮރެއާ ހިމެނޭ ގޮތަށް 14 ގައުމަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިޔަފާރި ހަނގުރާމަ އިއްޔެ އިއުލާން ކުރައްވައިފި އެވެ. އެ ގަވާއިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ޓްރަމްޕް އެންމެ ފަހުން އިއްޔެ ދެއްވި ވިޔަފާރީގެ އިންޒާރުތަކުގެ ތެރޭގައި 14 ގައުމެއް ހިމެނެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ މުހިންމު ބައިވެރިން ކަމަށްވާ ޖަޕާނާއި ދެކުނު ކޮރެއާ ވެސް ހިމެނެ އެވެ. އެ ގައުމުތަކުން އެމެރިކާގެ އުފެެއްދުންތައް އެމެރިކާއެކޭ އެއްވަރަށް އިމްޕޯޓް ނުކުރާ ނަމަ ނޫނީ އެމެރިކާގައި އެ ގައުމުތަކުގެ އުފެއްދުންތައް ނުއުފައްދާ ނަމަ %25 އާއި %40އާ ދެމެދުގެ ޓެރިފްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ފަރާތްތަކަށް ވަނީ އަންގައިފަ އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އެ ގައުމުތަކުގެ ގުޅުން ކުރިއަށް ގެންދަން ބޭނުން ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ހަމަހަމަކަމާއި އިންސާފުވެރި ވިޔަފާރީގެ ތެރެއިން ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ބަދަލުގައި އެ ގައުމުތަކުން ކައުންޓާ ޓެކްސް ނެގުމަކީ އެއަށް ވުރެ ބޮޑު ޓެރިފްތަކެއް އުފެދޭނެ ކަމެއް ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ހުރަސްތައް ކުޑަކުރާ ގައުމުތަކަށް އަޅާފައިވާ ފިޔަވަޅުތަކުން ލުޔެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޓެރިފްތައް ތިޔަބޭފުޅުންގެ ގައުމާ އޮންނަ ގުޅުމުގެ ހާލަތަށް ބެލުމަށް ފަހު، އިތުރުކޮށް ނުވަތަ ދަށް ކުރެވިދާނެ،" ޓްރަމްޕް ވިދާޅުވި އެވެ.
އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ 1 އޮގަސްޓަކީ "ހަރުދަނާ" ސުންގަޑި ކަމަށާއި ނަމަވެސް "ސައްތައިން ސައްތަ ނުވެދާނެ" ކަމަށެވެ.
ޓްރަމްޕް އެންމެ ބޮޑު ޓެރިފެއް ނަގަނީ ލާއޯސް އާއި މިޔަންމާ އިންނެވެ. އެ ދެ ގައުމުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން %40 ޑިއުޓީ ނެގުމަށް ވަނީ ނިންމައިފަ އެވެ. އެއާ ހިލާފަށް ޖަޕާން، ދެކުނު ކޮރެއާ، މެލޭޝިއާ، ކަޒަކިސްތާން އަދި ޓިއުނީޝިއާ ފަދަ ގައުމުތަކަށް ނަގަނީ ޓެރިފްގެ އެންމެ ދަށް ރޭޓް ކަމަށްވާ %25 އެވެ.
ކެމްބޯޑިއާ އާއި ތައިލޭންޑުން ނަގަނީ %36 ޓެރިފް ރޭޓެކެވެ. ސާބިއާ އާއި ބަންގްލަދޭޝްއަށް %35 ޓެރިފް ރޭޓް އަދި ދެކުނު އެފްރިކާ އާއި ބޮސްނިއާ އަދި ހަރްޒެގޯވީނާގެ ޓެރިފް ރޭޓް %30އަށް އަރަ އެވެ. އިންޑޮނޭޝިޔާ އިން ނަގަނީ %32 އެވެ.
އެކްސްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވާ އިގްތިސާދުތައް އޮންނަ އެ 14 ގައުމުގެ މުދަލުން ކުރިން ނަގަމުން އައީ %10ގެ ޑިއުޓީ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ ވިދާޅުވީ އޭނާގެ ގައުމުގެ މުދަލުން ނަގާ ޓެރިފަކީ ހަގީގަތުގައި ވެސް ހިތާމަކުރަން ޖެހޭ ވަރުގެ ޓެރިފެއް ކަމަށާއި ނަމަވެސް ޖަޕާނުން މަޝްވަރާ ކުރަމުން އަންނަނީ ދެ ފަރާތަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުމަށް ކަމަށެވެ.
ދެކުނު ކޮރެއާގެ ޓްރޭޑް، އިންޑަސްޓްރީ އެންޑް އެނާޖީ މިނިސްޓްރީން ބުނީ 1 އޮގަސްޓްގެ ކުރިން މަޝްވަރާތައް އިތުރަށް ހަރުދަނާކޮށް، ދެ ގައުމުގެ މެދުގައި ފައިދާހުރި ނަތީޖާއެއް ނެރެ، ޓެރިފްތަކާ ގުޅުން ހުރި ނުތަނަވަސްކަން އަވަހަށް ހައްލު ކުރުމަށް މަޝްވަރާ ކުރާނެ ކަމަށެވެ.
ޓްރަމްޕް 14 ގައުމަކަށް ވިޔަފާރި ހަނގުރާމަ އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ