ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިރޭ ހުކުމްކޮށްފި އެވެ.
އަބްދުﷲ ގާޒީ ބަންދު ކުރިއިރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައިގެން އެކަމުގައި ބައިވެރިވި ކަމަށް ބުނެ ޖަލީލުގެ މައްޗަށް އުފުލި ދައުވާގެ ހުކުމް އިއްވުމަށް މިރޭ ބޭއްވި މަޖިލީހުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އަބްދުﷲ ދީދީ ވިދާޅުވީ އެކަމުގައި ބަހާއި އަމަލުން ޖަލީލު ބައިވެރިވިކަން ސާބިތުނުވާ ކަމަށެވެ. އަދި ހެކިންގެ ހެކިބަހަށް ބަލާއިރު ވެސް އެކަމުގައި މަޝްވަރާކޮށް، ޖަލީލު ބައިވެރިވިކަން އެނގެން ނެތް ކަމަށް ގާޒީ ދީދީ ވިދާޅުވި އެވެ.
ގާޒީ ދީދީ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރަން އޭރުގެ ރައީސް މުހައްމަދު ނަޝީދު ނިންމިކަމާއި ގާޒީ ހައްޔަރު ކުރިކަމާއި އޭނާ ހައްޔަރުކުރީ ގަދަކަމުން ކަން ނަޝީދުގެ މައްޗަށް ކުރި ހުކުމުން ސާބިތުވެފައި ވިޔަސް އެކަމުގައި ޖަލީލު ބައިވެރިވިކަން އެނގޭކަށް ނެތެވެ. އަދި އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޖަލީލުގެ މައްޗަށް ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށް ވެސް ގާޒީ ދީދީ ވިދާޅުވި އެވެ.
"މި ދައުވާ މޫސާ އަލީ ޖަލީލުގެ މައްޗަށް ސާބިތުނުވާ ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށް، މިގަޒިއްޔާ ނިންމީ އެވެ،" ގާޒީ އަބްދުﷲ ދީދީ ވިދާޅުވި އެވެ.
އެ ދައުވާ ސާބިތުވި ނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ނުވަތަ ގޭގައި ބަންދުކުރާނެ އެވެ.
އެ މައްސަލައިގައި އޭރުގެ ރައީސް ނަޝީދުގެ މައްޗަށް ކުށް ސާބިތުވެ، އެމަނިކުފާނު 13 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި އޭރުގެ އޮޕަރޭޝަންސް ޑައިރެކްޓާ މުހައްމަދު ޒިޔާދާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އޭގެ ތެރެއިން ތޮލްހަތާއި ޒިޔާދުގެ މައްސަލަ ހުކުމް އިއްވުމުގެ މަރުހަލާގައި އޮތްއިރު އެ ދެ މައްސަލައިގައި ހުކުމް ކުރަން ދެ ފަހަރެއްގެ މަތިން ތާވަލް ކުރުމަށް ފަހު ވެސް ސަބަބު ބަޔާން ކުރުމެއް ނެތި ވަނީ ކެންސަލްކޮށްފަ އެވެ.
ގާޒީ ބަންދުކުރި މައްސަލައިގަ ޖަލީލުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ