އެމެރިކާއާއި އިންޑިއާއާ ދެމެދު ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެޅިފައިވާ ހުރިހާ ހުރަސްތަކެއް ނައްތާލާނެކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސުލިވަން ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ބައިޑެންގެ ރިޔާސީ ދައުރު ހަމަވާން މަދު ދުވަސްތަކަކަށް ވެފައިވަނިކޮށް ސުލިވަން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާ ވިދާޅުވީ މިހާރު ހުރި ހުރަސްތައް ނައްތާލުމުގެ މަސައްކަތް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ކުރަމުން އަންނަ ކަމަށެވެ.
މަދަނީ ކަންކަމަށް ބޭނުންވާ ނިއުކްލިއަރ ހަކަތަ އުފެއްދުމަށް، އެމެރިކާގެ ނިއުކްލިއަރ ރިއެކްޓަރތައް އިންޑިއާއަށް ވިއްކުމާ ބެހޭ ގޮތުން އެމެރިކާއާއި އިންޑިއާއާ ދެމެދު ދެހާހުގެ މެދުތެރެއިން ފެށިގެން އަންނަނީ މަޝްވަރާކުރަމުންނެވެ. އަދި 2007 ވަނަ އަހަރު ޖޯޖް ޑަބްލިޔު ބުޝްގެ ވެރިކަމުގައި އެމެރިކާއިން ވަނީ އިންޑިއާއަށް ނިއުކްލިއަރ ޓެކްނޮލޮޖީ ވިއްކުމާ ބެހޭ އެއްވަސްވުމެއްގައި އިންޑިއާއާއެކު ސޮއިކޮށްފައެވެ. އަދި 2019 ވަނަ އަހަރު، އެމެރިކާއިން އިންޑިއާގައި 6 ނިއުކްލިއަރ ރިއެކްޓަރ ގާއިމްކުރުމާ ބެހޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ.
Advertisement
އެހެންނަމަވެސް، ރިއެކްޓަރަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި ޒިންމާ ނަގަން ޖެހޭނީ ރިއެކްޓަރ އުފެއްދި ފަރާތުގެ ބަދަލުގައި، ރިއެކްޓަރ އޮޕަރޭޓްކުރާ ފަރާތަށް ވާން ޖެހޭނެކަމަށް ބައިނަލްއަގްވާމީ އުސޫލުތައް ބުނިނަމަވެސް، އިންޑިއާގެ ގާނޫނުތައް އެހެން ނެތުމުން މި އެއްބަސްވުންތަކަށް އަމަލުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ. ދެގައުމުގެ މެދުގައި ނިއުކްލިއަރ ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރާނެކަމަށް އެމެރިކާއިން ބުނިނަމަވެސް، މިކަމާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތަފްސީލެއް ދެގައުމުންވެސް ހާމަކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން އިންޑިއާއިން 1998 ވަނަ އަހަރު ނިއުކްލިއަރ ހަތިޔާރު ޓެސްޓްކުރުމާ ވިދިގެން އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އިންޑިއާގެ އިދާރާތަކާއި ފަރާތްތަކަށް، އަޅާފައވާ ފިޔަވަޅުތައް އުވާލުމުގެ މަސައްކަތްވެސް އެމެރިކާއިން ކުރަމުންދާނެކަމަށް ޖޭކް ސުލިވަން ދިއްލީގައި ވިދާޅުވިއެވެ.
އެމެރިކާ-އިންޑިއާ ނިއުކްލިއަރ ހަކަތައިގެ ގުޅުމަށް އެޅިފައިވާ ހުރަސްތައް ނައްތާލާނަން: އެމެރިކާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ