ހަފްތާ ބަނަދުގައި ޢާއިލާއެކުގައި ބޭރަށް ގޮސް ކައިހެދުމާއި ބޭރުން ތަކެތި ގެއަށް ގެނުވައިގެން ކައިހެދުމަކީ ގިނަ ބައަކު ކުރާ ކަމެކެވެ. އެއީ ކުރަން ވަރަށް ރަނގަޅު ކަމެކެވެ.
ބައެއް ފިރިން ބުނަނީ އެކަން އެގޮތަށް ކުރަނީ އަނބިން ކުރާ މަސައްކަތުގެ އަގު ވަޒަންކުރަން ކަމަށެވެ. "ކޮންމެ ދުވަވަހަކު އަނބިން ކައްކަނީ. އެއީ ކުޑަ މަސައްކަތެއް ނޫން! އެއީ ހަމަ ވަރަށް ބުރަ މަސައްކަތެއް. އަނބިން އެކަން ކުރަނީ ދަރިން ބަލަމުން އަދި ގޭތެރޭގެ މަސައްކަތްތައްވެސް ކުރަމުން. އެހެންވީމާ އެންމެ ފަހަރަކު ނަމަވެސް އަނބިންނަށް ބޭރުން ކާންދިނުމަކީ ކުރަން ރަނގަޅު ކަމެއް! އެހެންވެ ޢާއިލާއެކުގައި ހަފްތާއަކު އެއްފަހަރު ނަމަވެސް ބޭރުން ކާން މަސައްކަތްކުރަނީ!"
ބައެއް ފިރިން ބުނަނީ އެމީހުން ބޭރަށް ގޮސް ކައިހަދަނީ އެންމެ އަގުބޮޑު ތަންތަނުން ނޫން ކަމަށެވެ. ޖީބަށް ކެތްވާވަރުގެ ތަންތަނުން ކަމަށެވެ. އަދި ޝެއާކޮށްގެން ކެއުމުން ވަރަށް ބޮޑުތަން ޚަރަދުކުޑަކުރެވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ތިބެނީ 3 ކުދިން. ދެމަފިރިންނާއިއެކު 5. 500 ރުފިޔާއިން ފުދޭނެ ތަންތަނަށް ގޮސް އުޅެނީ. އެވަރުން ހަމަ ރަނގަޅަށް ކައިލެވޭ ޝެއާކުރީމަ. ކޮންމެ ހަފްތާއަކު ނުދެވުނަސް މަހަކު 2 ފަަހރު ދެވޭތޯ ބަލަން!"
ކޮންމެ ދުވަހަކު ކޮފީތަކަށް ގޮސް އުޅޭ މީހުން އެކަމަށް ކުރާ ޚަރަދާއި ދުންފަތުގެ އިސްތިޢުމާލުކުރަން ކުރާ ޚަރަދު ކުޑަކޮށްފިނަމަ ގިނަ ބައަކަށް ފަސޭހަކަމާއިއެކު ހަފްތާއަކު އެއްފަހަރުވެސް "ޢާއިލީ ކެއުން" ބޭރުގައި ކައިލުމަކީ ޖީބަށް ބުރަކަމަކަށް ނުވާނެއެވެ.
ޢާއިލީ ގުޅުން ބަދަހިކުރަން ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ކަންކަން ކުރަންވާނެއެވެ. އެކަމަށް ހިނގާ ޚަރަދަށްވުރެ އެކަމުން ކުރާ ފައިދާ މާބޮޑުވާނެއެވެ.
ތަނަވަސްކަން ހުރިނަމަ އަނބިންނަށް ހަފްތާއަކު އެއްފަހަރު ބޭރުން ކާން ދިނުން- ކުރާ މަސައްކަތުގެ އަގުވަޒަން ކުރަން ކުރެވިދާނެ ކަމެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ