ސިއްޚީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަޑަށް ބަދަލުތަކެއް ގެނެސްފި

ސިއްޚީ ދާއިރާއާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ރައީސް
އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ.
ރައީސް އޮފީހުން ޚިއްސާ ކުރައްވައިފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ 1 މޭ
2023 ގައި ސިއްޚީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލާއި
ގުޅިގެން، ރަސްމީ ބަންދު ދުވަސްތަކުގައި މަސައްކަތް ކުރުމުން މެޑިކަލް އޮފިސަރުންނަށް
އެޓެންޑަންސް އެލަވަންސް ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް، މިނިސްޓްރީއޮފް ފިނޭންސްއާ
މަޝްވަރާ ކުރެއްވުމަށްފަހު، މެޑިކަލް އޮފިސަރުންނަށް މި އެލަވަންސް ލިބޭގޮތަށް ހަމަޖެއްސެވުމަށް
ރައީސް ޞާލިޙް ނިންމަވައިފައިވާކަމަށެވެ.
މީގެ އިތުރުން ރައީސް އޮފީހުން ވިދާޅުވެފައިވަނީ ނަރުހުންގެ މުސާރައިގެ އޮނިގަނޑަށް
ގެނެވުނު ބަދަލާ ގުޅިގެން އައި.ޖީ.އެމް.އެޗް ގައި މަސައްކަތްކުރާ ނަރުހުންގެ ފަރާތުން
ޕެޓިޝަނެއް ހުށައެޅި ކަމަށާއި އެޕެޓިޝަން  ދިރާސާކޮށް،
ސިވިލް ސަރވިސް ކޮމިޝަނާއި މިނިސްޓްރީ އޮފް ފިނޭންސްއާ މަޝްވަރާ ކުރެއްވުމަށްފަހު،
މި މައްސަލަތަކަށްވެސް ރައީސް ޞާލިޙް ވަނީ ހައްލެއް ހޯއްދަވައިދެއްވާފައި ކަމަށެވެ.
Advertisement
އެގޮތުން، ރަސްމީ ބަންދު ދުވަސްތަކުގައި
މަސައްކަތްކުރާނަމަ ނަރުހުންނަށް އެޓެންޑަންސް އެލަވަންސް ލިބޭނެ ގޮތަށް މިހާރުވަނީ
ހަމަޖައްސަވައިފައެވެ.
ސިއްހީ ފަރުވާދޭ ތަންތަނުގައި މަސައްކަތްކުރާ
ނަން-ކްލިނިކަލް ނަރުހުން، ކްލިނިކަލް ނަރުހުންނަށް ބަދަލުކުރުމަށް ނިންމައި މަސައްކަތުގެ
ތަޖުރިބާއަށް ބަލައި، އައު އޮނިގަނޑުގެ ދަށުން މަޤާމު ދަށްވާ ނަރުހުންގެ ތެރެއިން މަސައްކަތުގެ
މަސްއޫލިއްޔަތަށް ބަދަލު ނާންނަ ނަރުހުންގެ މަޤާމު ދަށްނުކޮށް ކުރިން ތިބި މަޤާމުގައި
ބޭތިއްބުމަށްވެސް މިއަދު ވަނީ ނިންމަވައިފައެވެ.
މި ނިންމެވުންތަކާއެކު ނަރުހުންނާއި،
ޑަކްޓަރުން އަދި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންނަށް ކުރިމަތިވެފައިވާ
ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
ރައީސް އޮފީހުން ވިދާޅުވެފައިވަނީ މި ނިންމެވުންތައް ނިންމަވާފައިވަނީ މި މައްސަލަތަކާ
ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މުހިންމު މަސައްކަތްތަކުގައި އުޅުއްވާ ޑޮކްޓަރުން،
ނަރުހުން، އަދި ޓީޗަރުންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެމަނިކުފާނަށް ޤަބޫލުކުރެއްވޭތީއާއި،
ކުރިމަތިވަމުންދާ ދަތިތަކަށް ރިޢާޔަތްކުރެއްވުމާއެކު، މި ދާއިރާތަކުގެ އެކި ބޭފުޅުންނާ
މަޝްވަރާކުރައްވައި، އެ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެވެސް މަތީން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ