ބަންދުކޮށްފައިވާ ސަރަހައްދުގައި ތާރު އަޅައި ސްކޫލް ހުޅުވަން ވާއިރަށް ނިމެނޭ: އަކްރަމް

އަމީނީ މަގުން މިހާރު ބަންދުކޮށްފައިވާ ސަރަހައްދުގައި ސްކޫލު ހުޅުވަން ވާއިރަށް ތާރު އަޅައި ނިންމާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބިލަބޮންގް ސްކޫލު ސަރަހައްދުން ޣިޔާސުއްދީން ސްކޫލާ ހަމައަށް އޭބީސީ ލޭޔަރު އަޅައި މިއަދު ނިންމާނެ ކަމަށެވެ. އެ އަށް ފަހު، ދެ ތިން ދުވަހެއްގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަކްރަމް ވިދާޅުވީ ތާރު އަޅައި ނިންމުމަށް ފަހު، އަންނަ މަހުގެ ހައެއްގައި ފަށާ ދިރާސީ އާ އަހަރުގެ ކުރިން، އަމީނީ މަގުގެ އެންމެ ބާރުބޮޑު ސަރަހައްދު ހުޅުވާލާނެ ކަމަށެވެ.
އެ މަގުތައް ހުޅުވާލުމުން، އަމީނީ މަގުގެ ބޮޑުބައިގައި ތާރު އަޅައި ނިންމައިލެވުނީ އެވެ. އޭރުން ބާކީ އޮންނާނީ ފުލުހުންގެ އިސްކަންދަރު ކޮށިން ފެށިގެން ދިރާގު ހެޑް އޮފީހާ ހިސާބަށެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދަމުން އަންނަ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެ މަސައްކަތް ފެށީ މިދިޔަ އަހަރު އޮކްޓޯބަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ