ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައި ނުގަތް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ގެ ކެނޑިޑޭސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަން ނިންމި މައްސަލާގައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން އިދިކޮޅު ޕީޕީއެމް އިން ނިންމައިފިއެވެ.
ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިގަނެވެން ނެތީ އެމަނިކުފާނު ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނާތީ ކަމަށް އީސީން ބުނެފައިވެއެވެ. އެކަމާ ގުޅިގެން އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮމިޝަނުގެ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށް އެ ޕާޓީން ގަބޫލު ނުކުރާކަމަށެވެ. އަދި އެހެން ކަމުން އެ ނިންމުން ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް އެޕާޓީން ބުނެފައިވެއެވެ.
"ސުޕްރީމް ކޯޓުން އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާޠިލުކޮށް، ރައީސް ޔާމީންގެ ކެންޑިޑަސީގެ ޞައްޙަކަން ކަށަވަރުވެގެން ދާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން" ޕީޕީއެމްގެ ބަޔާނުގައިވެއެވެ.
އެކަމާ ގުޅޭގޮތުން ރައީސް ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ރަނިންމޭޓު ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, އީސީގެ ތެރޭގައި ސަރުކާރުގެ ނުފޫޒު އޮތް މިންވަރަށް ބަލާއިރު އެއީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި ހައްޤަށް ނަސްރު ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ކެނޑިޑެސީ ބަލައިނުގަންނަން ނިންމާފައިވާއިރު, ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ޕީއެންސީއިން ދަނީ ބެކްއަޕް ކެނޑިޑޭޓެއް ހުށަހެޅުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ