ކުރިއަށް ރޯދަ މަހު ވީހާ ވެސް ބޮޑަކަށް އަޅުކަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، ހުރިހާ ކަމެއް ވެސް އަޅުކަމަށް މަގުފަހިވާ ގޮތަށް ބެހެއްޓުމަށް ގދ. ތިނަދޫ ކައުންސިލުން އުސޫލެއް އެކުލަވާލައި މިއަދު އާއްމުކޮށްފި އެވެ. އެއާ އެކު، ރޯދަ މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުގައި ވެސް އެއްވެސް ބާވަތެއްގެ ކުޅިވަރެއް އަދި މުނިފޫހިފިލުވުމުގެ ހަރަކާތެއް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.
ވީ ކިހިނެއް؟ - ގެޒެޓުގައި މިއަދު އާއްމުކުރި އިއުލާނެއްގައި ތިނަދޫ ކައުންސިލުން ބުނީ، އެ ތަނުގެ މަގްސަދަކީ ރޯދަ މަހު ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިވެ، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ދިނުން ކަމަށެވެ.
ތަފްސީލް - އެ ބޭނުމުގައި ހެދި އުސޫލުގައި ހިމެނޭ ބައެއް ކަންކަމުގެ ތެރޭގައި:
ތައުލީމު ދޭ ތަންތަނާއި ސަރުކާރާއި އަމިއްލަ އޮފީސްތަކާއި ވިޔަފާރިވެރިންނާއި ކްލަބު ޖަމިއްޔާ އަދި ޓީމުތަކުން ރޯދަ މަހުގެ އަސްލު މަގްސަދު ހާސިލްވާނެ ގޮތަށް ހުރިހާ ކަމެއް ވެސް ތަރުތީބުކުރުން
ރަސްމީ މަސައްކަތްތަކަށް ބުރޫނާރާނެ ގޮތަށް އެކަމަކު އެ މަސައްކަތްތައް ވީހާ ވެސް ބޮޑަކަށް އަޅުކަމަށް ފަހިވާނެ ގޮތަށް އިންތިޒާމު ކުރުން؛ ހާއްސަކޮށް ނަމާދާއި ތަރާވީހާއި ރޯދަވީއްލާ ވަގުތާ ފުށުނާރާނެ ގޮތަށް ޑިއުޓީތައް ހަމަޖެއްސުން
ދުވާލާއި ރޭގަނޑު އެއްވެސް ބާވަތެއްގެ ކުޅިވަރު ނުކުޅުން
ކޮންމެހެން ބާއްވަން ޖެހިގެން ނޫނީ، އިދާރާތަކުގެ ރަސްމީ ހަރަކާތްތައް ނުބޭއްވުން؛ އޭގެ ތެރޭގައި ރޯދަ މަހާ ގުޅުން ހުރި އަދީ ދީނީ ގޮތުން ބޭނުންތެރި ހަރަކާތްތަކެއް ނުހިމެނޭ
އެ ގޮތަށް ބާއްވާ ހަރަކާތްތައް ވެސް އަޅުކަމަށް ދަތިނުވާނެ ގޮތަކަށް އިންތިޒާމު ކުރުން
ކައުންސިލުން ބުނީ މި ކަންކަމަށް އެއްބާރުލުން ނުދޭ ފަރާތްތަކާއި ގަސްތުގައި އެ އުސޫލާ ހިލާފަށް އަމަލު ކުރާ ފަރާތްތަކަށް، އެއިން ތަނެއްގެ އެއްވެސް ކަމެއްގައި އެއްބާރުލުން ނުދޭނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭނެ ހާލަތްތަކުގައި އެކަން ކުރާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.
ރޯދަމަހު ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ތިނަދޫގައި މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ