ޤުރްއާން ހިތުދަސްކުރަން, ޙައްޖުވުން ފަދަ ހެޔޮ ޢަމަލެއް ކުރަން މަސައްކަތްކުރަނިކޮށް އެކަން ނުކުރެވެނީސް މަރުވިނަމަވެސް އެމީހަކަށް އޮތީ އުފާވެރިކަން-: މުފްތީ މެންކް

ދުނިޔޭގެ ޙަޔާތުގައި ކަންކަން މެދުވެރިވާނީ އެންމެންނަށް އެއްގޮތަކަށް ނޫނެވެ. ބައެއް މީހުންނަށް ވަރަށް ފަސޭހައިންވެސް ބޮޑެތި ހެޔޮ ޢަމަލުތައް ކުރެވެއެވެ. އަނެއް ބައަކަށް ކުދިކުދި ކަންކަންވެސް ކުރެވެނީ ވަރަށް ގިނަ މަސައްކަތްކޮށްގެންނެވެ. އަދި ކުރަން މުސައްކަތްކުރިނަމަވެސް އެކަމެއް ނުކުރެވިވެސްދެއެވެ. މިއިން އެއްވެސް ޙާލަތެއްގައިވެސް މާޔޫސްވުމެއް ނެތެވެ. މުސްލިމުންނަށް އޮތީ އުފާވެރިކަމެވެ.  
ހެޔޮކަމެއް ކުރަން ނިޔަތްގަނެގެން އެކަމަށް މަސައްކަތްކުރަނިކޮށް މަރުވެއްޖެނަމަ އެކަންކުރިކަމުގެ ޘަވާބު ދެއްވަވަނީ ކީއްވެކަމާއިމެދު ވިސްނައިލިނަމަވެސް އެނގިގެންދާނީ ﷲ ތަޢާލާގެ ޢަދުލުވެރިވަންތަކަމުގެ ބޮޑުކަމެވެ.  
އެކަންއެވާގޮތާއިމެދު ވިސްނައިލަމާހިނގާށެވެ. އަހުރެން މިބަޔާންކުރަނީ އަހުރެންނަށް އެކަން ވިސްނޭ ގޮތެވެ.  
މީހަކު މަސައްކަތްކުރަމުންދަނީ ކިރިތި ޤުރްއާން ހިތުދަސްކުރާށެވެ. ޙާފިޡަކަށްވާށެވެ. އެކަމަކު އޭނާއަށް ދުވާލަކަށް އާޔަތެއްވެސް ދަސްނުކުރެވެއެވެ. ދަސްކުރެވެނީ ކޮންމެ 7 ދުވަހަކުން ނުވަތަ ހަފްތާއަކު އާޔަތެކެވެ. ކޮންމެ ހަފްތާއަކުވެސް އޭނާ އެއް އާޔަތްދަސްކުރެއެވެ.  
އެކަމުގައި ފޭއިލެއް ނުވެއެވެ. އެގޮތަށް ދަސްކުރަމުންދަނިކޮށް 50 ހަފްތާވެ 50 އާޔަތް ދަސްވިތަނާ އޭނާ މަރުވަނީއެވެ. އޭނާ މަރުވިނަމަވެސް އޭނާ މަޙްޝަރުކުރައްވަވާނީ ޙާﷲިޡެއްގެ ގޮތުގައެވެ. ސުވާލު އުފެދެނީ މިހިސާބުންނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟  
ޖަވާބަކީ އޭނާ މަސައްކަތްކުރަމުން ދިއައީ އިޚްލާޞްތެރިކަމާިއެކުގައެވެ. އޭނާގެ ފުރާނަ ނުހިއްޕަވައި ލެހެއްޓެވީސް ނަމަ އޭނާ މުޅި ޤުރްއާން ހިތުދަސްކުރާނެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.  
ކީރިތި ޤުރްއާނުން ދުވާލަކު އާޔަތެއް ނަމަވެސް ހަފްތާއަކު އާޔަތެއް ނަމަވެސް ދަސްކުރަން ކަނޑުދަޑި ކަނޑައަޅައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަންވީ އެ ސަބަބަށްޓަކައެވެ.  
ކޮންމެ އަކަސް ކޮންމެ ހެޔޮކަމެއްކުރަން ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ނިޔަތް ގަނެގެން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަމުން ގެންދާނަމަ މި މަތިވެރި ނިޢްމަތް ﷲ ތަޢާލާ ދެއްވަވާނެތެވެ. އެއީ ޙައްޖަށް ދިއުމަށްޓަކައި އެމީހެއްގެ ފެންވަރުން މަހަކު އެއްކުރެވެން އޮތީ އެންމެ ރިޔާލައަކަށްވެފައި އެރިޔާލަ އެއްކުރަމުން ގެންދާނަމަވެސްމެއެވެ. އިން ޝާ ﷲ  
ވީމާ މިދެއްކުނު ވާހަކަކޮޅުން ފައިދާއެއް ކުރާނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ
 
- މުފްތީ މެންކުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ