މުޖުތަމައުގައި ހުރި އެކިކަހަލަ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ އިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސް މިރޭ ވިދާޅުވީ ކޮންމެ ދާއިރާއަކުން ކިޔަވައިގެން ހުރި މީހެއް ނަމަވެސް އެއީ އެމީހެއްގެ ޒިންމާއެއް ކަމަށެވެ.
ތަފްސީލް - ގައުމުގެ ކަންތައް އިސްލާހު ކުރުމުގެ ވިސްނުން ނެތްނަމަ ގައުމުގެ ކަންތައް އިސްލާހުވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާ ރައީސް ވިދާޅުވީ، ގުރުއާނުގައި ވެސް މަގު ދައްކާދީފައިވަނީ އަމިއްލަ އަަތުން އަމިއްލަ ކަންތައް އިސްލާހު ކުރުމަށް ކަމަށެވެ.
"އެހެން ބަޔަކު ބޭރުން އައިސް ކުރާނެ ކަމެއް ނޫން އެއީ. އެހެންވީމާ އަޅުގަނޑުމެން އެންމެންގެ އަޒުމަކަށް ވާންވާނީ މި އަޒުމް. މައިންބަފައިންގެ އަޒުމަކަށް ވާންވާނީ މައިންބަފައިން ތިޔަ ކުރެއްވި ބުރަ މަސައްކަތުން ތިޔަ މައިންބަފައިންގެ ލޮބުވެތި ކުދިންނަށް އެ މަގު ދައްކައިދިނުން،" ރައީސް ވިދާޅުވި އެވެ.
"މި މުވައްސަސާގެ ޒިންމާއަކަށް ވެސް ވާންވާނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ދަރިވަރުން އުފެއްދުމުގައި އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްތައް ކުރުން. އަޅުގަނޑުމެން އެންމެންވެގެން އަޅުގަނޑުމެންގެ ގައުމު، އަޅުގަނޑުމެން ބޭނުންވާ ރީތި ގޮތުގައި ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައުއަކަށް ހެދުމަށް މަސައްކަތްތަކެއް ކޮށްފިއްޔާ ހަމަޔަގީނުން ވެސް މި ކުޑަކުޑަ ގައުމުގެ މި ކުޑަކުޑަ މުޖުތަމައު އިސްލާހު ކުރެވޭނެ."
ރައީސް ވިދާޅުވީ ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހުންނަވާ ރީތި އާދަތައް އަށަގެންނެވުމާއި، ދިރުވުން އަދި އެ އާދަތައް ކުރިއަށް ގެންދިޔުމަކީ އިލްމު އުނގެނިގެން ތިބި މީހުންގެ ޒިންމާއެއް ކަމަށެވެ.
"އެ ޒިންމާ އަޅުގަނޑުމެން އަދާކުރުމުގައި ފަރުވާކުޑަކޮށްފި ނަމަ، އެކަމުގެ ސުވާލު އަޅުގަނޑުމެންނާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ﷲ އިލްމު ދެއްވީ އޭގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަމަށާއި އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ އޮތް 'ޗޮއިސްއެއް ނޫން' ކަމަށެވެ.
"ނުހިފައިފިއްޔާ އެކަމުގެ ސުވާލު ކުރެވޭ ދުވަހު ދެވޭނެ ޖަވާބެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އާއިލާ އާއި އޮފީހުގެ މާހައުލު އިސްލާމީ ރިވެތި އާދަތަކާއެއްގޮތަށް ބައްޓަން ކުރުންފަދަ ކަންތަކަށް ލޯމަރައި ނުލެވޭނެ ކަމަށާއި މި ފިކުރު އަށަގެންނެވުނު ދުވަހަކުން ނޫނީ މުންކަރާތްތަކަށް ނޫނެކޭ ނުބުނެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ އިލްމު ލިބިގެންވާ މީހުންގެ ޒިންމާއެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ