ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފަކާއެކު ފަރެސްމާތޮޑާގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރަން ތައްޔާރުވެއްޖެ

ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފަކާއެކު ގދ. ފަރެސްމާތޮޑާގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރަން އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 1800 މީހުންގެ އާބާދީއެއް އޮންނަ ފަރެސްމާތޮޑާގައި މި ފުޓްބޯޅަ ދަނޑު ތަރައްގީ ކުރެވުމާއެކު އިޖުތިމާއީ ގޮތުން ގިނަ ފަސޭހަތަކެއް އެރަށުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.
އެއާއެކު އެމްޓީސީސީން ބުނީ މި ފުޓުބޯޅަ ދަނޑު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ފީފާއިން ކަނޑައަޅާފައިވާ ފެންވަރުގެ ޓާފަކާއެކު ކަމަށާއި، މީގެއިތުރުން ގޯލް ޕޯސްޓު ހަރުކުރުމާއި، ފެންސެއް ޖެހުމާއި އަދި 4 ބެންޗު ބެހެއްޓުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުގައި ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ކަންކަމާ ގުޅުންހުރި ވަރަށް ގިނަ މަޝްރޫއުތައް ވަނީ ނުފެށި ނުވަތަ ހުއްޓިފައި ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުން މި ފަދަ މަޝްރުއުތައް އަވަހަށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މިފަދަ މަޝްރޫއުގެ މަސައްކަތްތައް ހަލުވި މިނުގައި ކުރިއަށް ގެންގޮސް ރައްޔިތުންނަށް ފައިދާ ވާނެ ފަދަ މަސައްކަތްތަކެއް ކޮށްދިނުން ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެމްޓީސީސީން ވަނީ ފާއިތުވި 44 އަހަރު ތެރޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާމިޔާބު ކަމާއެކު ނިންމާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ