ގާނޫނުތައް އަދި ބަޖެޓާ ހިލާފަށް ފައިސާ ޗާޕު ކުރާ މައްސަލައިގައި މަޖިލީހަށް ގަރާރެއް ގާނޫނުތައް އަދި ބަޖެޓާ ހިލާފަށް ފައިސާ ޗާޕު ކުރާ މައްސަލައިގައި މަޖިލީހަށް ގަރާރެއް

މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި ގާނޫނުތަކާ ހިލާފަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ހޯއްދެވުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝަމްހީދު އެވެ. އޭނާ ހުށަހަޅުއްވާފައި އޮތީ އެމްއެމްއޭއިން އަމަލު ކުރަމުންދާ ގޮތާމެދު މަޖިލިސް މެންބަރުން ދެކިވަޑައިގަންނަވާ ގޮތެއް ހޯއްދެވުމަށެވެ. މިއަދު އޮތީ އެ ގަރާރުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ މަޖިލީހުން ފާސްކުރާ ބަޖެޓަށްވުރެ އިތުރަށް ހަރަދު ނުކުރެވޭނެ ކަމަށާއި ވަކި ކަމަކަށް ހާއްސަ ހަރަދު ކުރަން ބަޖެޓުގައި ކަނޑައަޅާފައިވާ ނަމަ، އެ ފައިސާއެއް ހަރަދު ކުރަން ޖެހޭނީ އެކަމަކަށް ކަމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.
ގާނޫނުއަސާސީގައި އެހެން އޮތް ނަމަވެސް، އެމްއެމްއޭއިން ފައިސާ ޗާޕު ކުރަން އުޅެނީ މި އަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓުގައި ދައުލަތަށް ފައިސާ ހޯދާނެ ކަމަށް ފިނޭންސް މިނިސްޓަރު ބަޔާން ކޮށްފައިވާ ކަންކަމާ ހިލާފަށް އެ ކަންކަމުގެ ބޭރުން މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައިކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ނުވަތަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތް ނޫން ގޮތަކަށް ފައިސާއިން ހަރަދު ކުރުމާއި މުދަލެއް ވިއްކައިލުމާއި ނައްތާލުން ފަދަ ކަންކަމަކީ މާލިއްޔަތު ގާނޫނުގައި މަނާ ކަމެއް ކަމަށް ބަޔާން ކޮށްފައި އޮންނަ ކަމަށް ވެސް ޝަމްހީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
ސަރުކާރުން، އެމްއެމްއޭއިން ދަރަންޏަށް ފައިސާ ނަގަން ވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް، ގިނަވެގެން 91 ދުވަސް ތެރޭ އެ ފައިސާ އަނބުރާ ދައްކާ ގޮތަށް އެޑްވާންސެއްގެ ގޮތުގައި ކަމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަކަން އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ވެސް ފައިސާ ނެގޭނީ ފާއިތުވި ތިން އަހަރުދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވަރެޖް އާމްދަނީގެ 2.5 ޕަސެންޓަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިން ކަމަށް އެ ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.
އެމްއެމްއޭގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އޮންނަނީ އިގުތިސާދީ ކުރިއެރުމަށް މަގުފަހިވާ ގޮތެއްގައި އަގުތައް އެއް ހަމައެއްގައި ހިފެހެއްޓުމާއި އެކަމަކަށް މަގުފަހި ވާނޭހެން މާލީ ހަމަޖެހުން ގާއިމު ކުރުމާއި އިޖުތިމާއީ ހަމަޖެހުމާއި ކުރިއެރުން ގެނައުމަށް ސަރުކާރަށް އެހީތެރިވުން ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ