ދިފާއީ ފަށަލަތައް ފޫގޮސް، އިޒްރޭލަށް މި ވީ ކިހިނެއް؟

އިޒްރޭލުގެ ހިތް ކަމަށް ބުނާ ހައިފާއަށް އީރާނުގެ މިސައިލް ހަމަލާތައް އަރައިފި އެވެ. ޓެލް އަވީވްގެ އެކި ހިސާބުތައް ފުނޑުފުނޑުވެ، ބަޔަކު މަރުވެއްޖެ އެވެ. ރޭ ބާތު ޔަމްއަށް ދިން ހަމަލާގައި ފުނޑުވި އަށް ބުރީގެ އިމާރާތެއްގެ ދަށުގައި އެތައް ބަޔަކު ތާށިވި އެވެ. މަރުވި މީހުންގެ އަދަދު ހަތަކަށް އެރި އެވެ.
މިއީ ވައިގެ ދިފާއު އެންމެ ވަރުގަދައަށް އޮތް އިޒްރޭލުގެ ރައްޔިތުންނަށް ވަރަށް ވަރުގަދަ މެސެޖެކެވެ. އީރާނަށް ހަމަލާދީ ފުނޑުކުރާ ނަމަ އިޒްރޭލަށް ވެސް ހަމަ އެގޮތް ކުރިމަތިކުރުވޭ  ވަރުގެ ގާބިލްކަން އީރާނުގައި އެބަ ހުރިކަމުގެ ސާފު މެސެޖެކެވެ.
އެކަމަކު ސުވާލަކީ އިޒްރޭލުގެ ވަރުގަދަ ވައިގެ ދިފާއުގެ ފަށަލަތަކަށް މިވީ ކިހިނެއް ހެއްޔެވެ؟ 
މިސައިލްގެ ހަމަލާތަކުން ދިފާއުވާން އިޒްރޭލުން ގާއިމްކޮށްފައި ހުރި ނިޒާމުތަކަށް ބަލައިލަމާ ހިނގާށެވެ.
އަޔާން ޑޯމް: އިޒްރޭލާ ގުޅުވައިގެން އިވޭ އެންމެ މަޝްހޫރު އެއް ނަމަކީ މި އެވެ. މިއީ ކުރު ރާސްތާގެ މިސައިލްތައް ޖައްވުގެ ތެރޭގައި ގޮއްވާލުމުގެ ގާބިލްކަން ލިބިފައިވާ ނިޒާމެކެވެ.
ޑޭވިޑްސް ސްލިންގް: މި ނިޒާމު ބޭނުންކޮށްގެން ކުރު އަދި މެދު ރާސްތާގެ ބެލިސްޓިކް މިސައިލް އާއި ކްރޫޒް މިސައިލް ވައްޓާލެވެ އެވެ. ދުޝްމަނުންގެ މިސައިލްތައް ވައްޓާލަން މި ނިޒާމުން ފޮނުވާލާ މިސައިލް 180 މެއިލްގެ ރާސްތާއަކަށް ދަތުރުކުރެ އެވެ. 
އެރޯ 2 އަދި 3: މިއީ ޖައްވުގެ ވަރަށް މަތިން މިސައިލްތައް ވައްޓާލަން ގޮވާ އެއްޗެހި ފޮނުވާލެވޭ ނިޒާމެކެވެ. ޖައްވުގެ 30 މޭލު މަތިން އަމާޒުކުރެވެ އެވެ. އަދި 60 މޭލު ދުރަށް އޭގެ ގޮވާ ބައި ދަތުރުކުރެ އެވެ. އެރޯ 3ގެ ދިފާއީ 'ވަޒަން' އޮޓްމޮސްފިއާ ހުރަސްކޮށް މަތީ ޖައްވުގެ ތެރެއަށް ދެ އެވެ. އޭގެ ރާސްތާ 1،500 މޭލަށް އަރަ އެވެ.
އަޔާން ބީމް: މިއީ ރޮކެޓާއި ޑްރޯން އަދި ޓޭންކްތަކާ ދެކޮޅަށް ދޭ ހަމަލާތައް ލޭޒާ އަލީގެ ބާރުގައި ހުއްޓުވާ ނިޒާމެކެވެ.
މި ހުރިހާ ނިޒާމްތަކަށް ވެސް ބޮޑު ނުރައްކަލަކަށް ވާ ވަރުގެ ބެލިސްޓިކް މިސައިލް އީރާނުގައި އެބަ ހުއްޓެވެ. އެކަން މިހާރު އެ ދަނީ ސާބިތު ވެސް ވަމުންނެވެ.
އިޒްރޭލުން އީރާނުގެ ނިއުކްލިއަ އިމާރާތްތަކާއި އަސްކަރީ އަމާޒުތަކަށް މިދިއަ ހުކުރުދުވަހު ދޭން ފެށި ހަމަލާތަކުގައި ގަބޫލުކުރީ އީރާނުގެ މިސައިލް ގާބިލްކަން ވަރަށް ބޮޑަށް ނައްތާލެވުނު ކަމަށެވެ. ނަމަވެސް މިދިއަ ދެ ރޭ އީރާނުން ދިން ރައްދު ފެނުނީ އެގޮތަކަށް ނޫނެވެ.
އީރާނުގެ ވަރުގަދަ ބެލިސްޓިކް މިސައިލްތައް ދަތުރުކުރަނީ ޖައްވުގެ ވަރަށް މަތިންނެވެ. އީރާނާއި އިޒްރޭލާ ދެމެދު އޮތް ގާތްގަނޑަކަށް 1،600 ކިލޯމީޓަރު ހުރަސްކޮށް އިޒްރޭލުގެ އަމާޒުތަކަށް ވާސިލްވާން ނަގަނީ މަދު މިނިޓްކޮޅެކެވެ.
އެރޯ 3 ބޭނުންކޮށްގެން އެކަހަލަ ބެލިސްޓިކް މިސައިލްތައް ހުއްޓުވަން އުނދަގޫތައް ދިމާވެ އެވެ. އަނެއްކާ ބެލިސްޓިކް މިސައިލް ހުއްޓުވަން އެރޯ 3އަށް ބޭނުންވާ އަގުބޮޑު ސާމާނު އުފެއްދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން މިހާރު ކުރިއަށްދާ ހަނގުރާމަ ދިގުލާ ނަމަ އިޒްރޭލަށް ދިފާއުވާން އިތުރު މައްސަލަތައް ދިމާވާނެ އެވެ.
އީރާނުގެ އަސްކަރީ ގާބިލްކަމަކީ ދުނިޔެއަށް ސިއްރެކެވެ. އިޒްރޭލުން މިދިއަ އަހަރު ދެ ފަހަރެއްގެ މަތިން އީރާނުގެ ވައިގެ ދިފާއީ ބައެއް ތަންތަން ހަލާކުކޮށްލި އެވެ. އަދި މިދިއަ ހުކުރުދުވަހު ވެސް އެފަދަ އަމާޒުތަކަށް ހަމަލާދިނެވެ. ނަމަވެސް ހޮނިހިރުދުވަހު ފެނުނީ އީރާނުގެ މިސައިލް އާއި ޑްރޯންތައް އިޒްރޭލްގެ ޖައްވު ފުރާލި ތަނެވެ.
ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެހާ ގިނަ ހަމަލާތައް އެއްފަހަރާ އަމާޒުވެއްޖެ ނަމަ އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތަކަށް ވެސް އޮބިއެއް ނޯންނާނެ އެވެ. އެ ދިފާއީ ފަށަލަތައް ހުރަސްކޮށް އިޒްރޭލުގެ އެކި ހިސާބުތަކަށް ވެއްޓި، ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ އެވެ. މިދިއަ ދެ ރޭ އިޒްރޭލުގެ ތެރެއިން އެ ފުނީ އެކަމެވެ.
މި ހަމަލާތައް ކުރިއަށް ދާ ވަރަކަށް އީރާނުގެ ގާބިލްކަން ވެސް އިތުރަށް ވަޒަންކުރެވޭނެ އެވެ. އެކަމަކު މިހާރު ވެސް އެއް ކަމެއް ޔަގީނެވެ. އިޒްރޭލު ރޫރޫ އަޅުވާލެވޭ ވަރުގެ މިސައިލްތައް ހުރި ކަމެވެ. ބޭނުންވާ އަމާޒުތަކަށް އެ ފޮނުވާލުމުގެ ކުޅަދާނަކަން ވެސް ލިބިގެންވާ ކަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ