އީރާނުން އިސްރާއީލަށް ރޭ ދިނީ މިހާތަނަށް ދިން އެންމެ ''ވޭންދެނިވި'' ވަރުގަދަ ހަމަލާ

އިސްރާއީލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައިގެ ޖަވާބުގައި އީރާނުން އިސްރާއީލަށް ރޭގައި ދިނީ މި ހަނގުރާމާގައި ދިން އެންމެ ވަރުގަދަ ރައްދު ހަމަލާތައްކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަލްޖަޒީރާއިން ސިފަކޮށްފައިވާގޮތުގައި އީރާނުން އިސްރާއީލަށް ރޭ ދިން ރައްދު ހަމަލާއަކީ "އެންމެ ބޮޑު އަދި އެންމެ ވޭންދެނިވި" ހަމަލާ އެވެ. އިރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް އައު ޑްރޯން އާއި މިސައިލްތަކުން ހަމަލާދީފައެވެ.
މި ހަމަލާތަކާއި ގުޅިގެން އަލްޖަޒީރާގެ ދޯސާ ޖައްބާރީ ބުނެފައިވަނީ މިއީ ހުކުރު ދުވަހުން ފެށިގެން އިރާނުން އިސްރާއީލަށް އަމާޒުކޮށް ދީފައިވާ ނުވަވަނަ ހަމަލާ ކަމަށެވެ.
އިރާނުގެ ސަރުކާރުގެ ޓީވީއިން ވެސް ބުނެފައި ވަނީ ރޭގެ ހަމަލާއަކީ މިހާތަނަށް ދީފައިވާ "އެންމެ ބޮޑު އަދި އެންމެ ވޭންދެންދެނިވި" ހަމަލާ ކަމަށެވެ. އަދި މި ހަމަލާތަކަކީ އީރާނާއި އިސްރާއީލާއި މެދުގައި ހިނގަމުންދާ ކުރިމަތިލުމުގައި ވަރަށް ބޮޑު ބަދަލެއް އައުމުގެ ނިޝާނެއްކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ސިފަކޮށްފަވެއެވެ.
އިރާނުން ބުނެފައިވަނީ އެ ޤައުމުން މިހާތަނަށް ބޭނުންކުރަމުން އައީ ޑްރޯންތަކާއި މިސައިލްތަކުގެ ''ދުވަސްވީ'' އެއްޗެހިކަމަށެވެ. ކުރިއަށްއޮތްތާ އިސްރާއީލުން ހަމަލާތައް ނުހުއްޓައިފިނަމަ އީރާނުގެ ޒަމާނީ މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށް ހަމަލާތައް ވަރުގަދަކުރަމުންދާނެކަމަށް އީރާނުން ބުނެފަވެއެވެ. ދިރާސާކުރާ މީހުންވެސް ބުނެފައި ވަނީ އީރާނުން އަދި އެ ޤައުމުގެ އަސްކަރީ ފުލް ކެޕޭސިޓީގެ ބޭނުންކުރާކަމަށް ނުބެލެވޭކަމަށެވެ.
"އަހަރެމެންނަށް އެނގޭ ގޮތުގައި މިއީ ޑްރޯންތަކާއި މިސައިލްތަކުގެ ދުވަސްވީ އެއްޗެހި، ފުރަތަމަ ޑްރޯންތައް ދޫކުރާނީ، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކާ ކުރިމަތިލާނީ އެއަށްފަހު މިސައިލްތައް، އެ ތަކެތި އިސްރާއީލަށް ވަރަށް އަވަހަށް ފޯރާނެ،" ޖައްބާރީ ވަނީ ތަފްސީލުކޮށްދީފައެވެ. އަދި އިރާނުގައި ހުރި ބައެއް ހައިޕަރސޮނިކް މިސައިލްތައް އިސްރާއީލަށް މަދު މިނެޓުތަކެއްގެ ތެރޭގައި ވާސިލުވުމުގެ ގާބިލިއްޔަތުކަން ހުރިކަމަށް ވެސް އޭނާ ބުނެފަވެއެވެ.
އީރާނުން ރޭގައި ދިނީ އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ފަހަނައަޅައި ދިއުމަށް ފަރުމާކޮށްފައިވާ ހަމަލާތަކެކެވެ.
ބައެއް މީޑިއާތަކުން ބުނާގޮތުގައި އިސްރާއީލްގެ ޓެލްއަވީވާއި ހައިފާއިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވުނެވެ. އިސްރާއީލުން ވަނީ އެ ގައުމަށް ލިބޭ ގެއްލުން ރިޕޯޓްނުކުރުމަށް އެ ގައުމުގެ މީޑިއާއަށް އަންގައިފައިކަމުން، އިސްރާއީލަށް ލިބޭ ގެއްލުމުގެ އަސްލު ތަފްސީލެއް ނުލިބެއެވެ. ނަމަވެސް ބައެއް ބައިނަލްއަގްވާމީ މީޑިއާތަކުން އެއްކުރާ މައުލޫމާތުން އީރާނުގެ ހަމަލާތަކުން އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އެނގެއެވެ. އަދި ރެޔާ ހަމައަށް އިސްރާއީލްގެ 24 މީހަކު މަރުވެ، އެތައް ސަތޭކަ މީހުން ޒަޚަމްވެފައިވާކަމަށްވެއެވެ.
އިރާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 220 އަށް އަރައިފައިވާ ކަމަށާއި، އޭގެ ތެރޭގައި 70 އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ