އުލިގަމު ޔޮޓު މެރީނާ ފަށަން މި ސަރުކާރުން ކިޔާތާ އަހަރެއް، އަދި ހިލަމެއް ނެތް!

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުން އެންމެ ފުރަތަމަ ދެއްކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނެވެ. އެގޮތުން މި ސަރުކާރުން އެމްޕީއެލްގެ ހިންގަން އެންމެ ފުރަތަމަ ލެއްވި ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް 09 ޖުލައި 2024 ގައި "މިހާރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތާއެކު ރާއްޖޭގެ އުތުރަށް ގެންނަ އާ ހިދުމަތްތަކުގެ ތެރޭގައި އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމުކުރުމަށް އެ ކުންފުނިން ވިސްނާފައިވާ ކަމަށެވެ.ވަޖީހު ވިދާޅުވި ގޮތުގައި އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށްނުދެވެ އެވެ."ކައުންސިލާ ވާހަކަ ދައްކައިގެން ބަނދަރުން ބަޔަކާއި [ޔޮޓު މެރިނާ އެއް ގާއިމުކުރަން] ބިން ލިބިއްޖެ. އެކަމަށް ބޭނުންވާ ބައެއް ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ކުރެވެމުން ދަނީ. މި އަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް މި ބަލަނީ،" އޭނާ ހާމަކުރެއްވި އެވެ.މި ޔޮޓް މެރީނާއާ އެކު، އުލިގަމާއި މުޅި އަތޮޅަށް މާލީ ގިނަ މަންފާތަކެއް ލިބިގެންދާނެ ކަމަށް ވަޖީހު ވިދާޅުވި އެވެ.ޔޮޓު މެރީނާ ހެދުމަށް އޭނާ ވިދާޅުވި ގޮތުގައި މިހާރު ތުރުކީ އަދި ޗައިނާގެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.އެކަމަކު ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން ބޭރުގެ ބަޔަކު މި މެރީނާ ތަރައްގީ ކުރިޔަސް، ތަން ހިންގާނީ އެމްޕީއެލް އިން ކަމަށް ވެސް ވަޖީހް ވިދާޅުވި އެވެ.ދެން ފެނުނީ 01 އޯގަސްޓް 2024 ވަނަ ތާރީހުގައި ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާގައި އެމްޕީއެލްއިން ސޮއިކުރިތަނެވެ.އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމާއި ޔޮޓުތަކަށް ބޭނުންވާ ހިދުމަތްތައް އުލިގަމުން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ އެއްބަސްވުމުގައި އެދުވަހު ސޮއިކުރެއްވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމާއި އުލިގަމު ކައުންސިލްގެ ރައީސް އަހުމަދު މުއާޒް މުހައްމަދެވެ.އެ ރަސްމިއްޔާތުގައި ވަޖީހު ވިދާޅުވީ އުލިގަމުގައި ޔޮޓް މެރީނާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހިދުމަތް ފޯރުކޮށްދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.ވަޖީހު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފަށަން ނިންމާފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމް ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް އެމްޕީއެލްއިން ހަލުއި ދުވެއްޔެއްގައި ކުރަމުންދާ ކަމަށެވެ. އަދި އެކަމުން ވެސް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ."އުލިގަމަކީ ޒަމާނުއްސުރެ އާދަޔާ ހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރަތްކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލްގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުކޮށް ނުދެވޭތީ." ވަޖީހު ވިދާޅުވި އެވެ.އެދުވަހުގެ ރަސްމިއްޔާތުގައި އުލިގަމު ކައުންސިލްގެ ރައީސް މުއާޒު ވިދާޅުވީ އެ ރަށުގައި ޔޮޓް މެރީނާއެއް ތަރައްގީ ކުރުމަކީ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށެވެ."މި ރަށަށް ރާއްޖެއިން ބޭރުގެ އުޅަނދުފަހަރު ނާންނަ ދުވަސްވަރު ހަނދާންތައް ނުނެތޭ. ޔޮޓް ފަހަރަށް ހިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެދިޔަ ސަރުކާރުތަކާ ވާހަކަ ދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުން ސަރުކާރުތަކުން އަޅުގަނޑުމެން ފާހަގަކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ." އޭނާ ވިދާޅުވި އެވެ.ނަމަވެސް ހއ. އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީ ކުރުމުގެ ފަހުމުނާމާގައި އެމްޕީއެލްއިން އުލިގަމާއި އެކު ސޮއިކުރިފަހުން މިހާރު އަހަރެއް ވަނީ އެވެ. މަޝްރޫއުގެ ހިލަމެއްނެތް ތަނުގައި އެމްޕީއެލްގެ ގައި މިއަދު ވަޖީހު ވެސް ނެތެވެ. ދެން އުލިގަމު ޔޮޓު މެރީނާ ވާހަކަ ދެއްކެވި އަޑު އިވުނީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުލުން ނެވެ. 30 ޖެނުއަރީ 2025 ވަނަ ދުވަހު އުލިގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން އުލިގަމަކީ ޔޮޓު ފަހަރުގެ މަންޒިލެއް ކަމަށާއި ޔޮޓް މެރީނާއެއް ގާއިމުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ އެކު އެމްއޯޔޫއެއްގައި ވެސް ސޮއި ކޮށްފައިވާ ކަމަށެވެ. އެ ރަށު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ބައްދަލުވުމުގައި އެމްޕީއެލުން ވެސް ވަނީ އެ ޔޮޓް މެރީނާގެ މަސައްކަތް ހަ މަސް ދުވަހުން ފެށޭނެ ކަމަށް ބުނެފައި ކަމަށެވެ."ޔޮޓް ފަހަރުގެ މަންޒިލެއް. ޒަމާންތަކަކަށް އޮތް ހަގީގަތެއް. އެމްޕީއެލްއާ އެކު އެމްއޯޔޫއެއް އެބަ އޮވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުއްމީދަކީ ހުރިހާ މަރުހަލާއެއް ކަޑައްތުކުރެވި ފައިނޭންސިން ކަންތަކާއި އަދި އޭގައި ހުރި ހުރިހާ ޑީޓެއިލިން ވޯކްތަކެއް ނިމިގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި އުލިގަމަށް ހާއްސަ އިގްތިސާދީ އެ މަސައްކަތަކީ ދާއިމީ ގޮތެއްގައި ފުޅާވާނެ ގޮތަށް ކުރިއަށް ގެންދެވޭނެ މަޝްރޫއުއަކަށް ހެދުމަކީ ސަރުކާރުން ވެސް ބޭނުންވާ ގޮތެވެ."މިއަދުގެ ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ވިދާޅުވީ ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި، ޔޮޓް މެރީނާގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.ނަމަވެސް މިއަދުގެ ހަގީގަތަކީ ރައީސް އެ ވިދާޅުވި ތާރީހު ވެސް ފަހަނަ އަޅާ ދިޔައީ އެވެ. އުލިގަމު ޔޮޓު މެރީނާގެ މަޝްރޫއުގައި ކުލައެއް ނުޖެހުނެވެ. އެމްޕީއެލްގެ މިހާރުގެ ވެރިންނަށް ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް އެޅުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ "އަޕްޑޭޓެއް" ނުދެވުނެވެ. ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދު ހުރަސްކޮށް ސްރީ ލަންކާ، އިންޑިއާ، މެލޭޝިއާ އަދި ތައިލެންޑް ފަދަ ގައުމުތަކުން ރެޑް ސީ ހުރަސްކޮށް ޔޫރަޕަށް ގިނަ އަދަދެއް ޔޮޓުތައް ދަތުރުކުރާއިރު މަޑުކޮށްލަން މަންޒިލެއްގެ ގޮތުގައި އުލިގަމު އޮންނަނީ މަޝްހޫރުވެފަ އެވެ. ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން އޭޕްރީލަށް ގިނަ އަދަދެއްގެ ޔޮޓްތައް މި މަގުން ދަތުރުކުރެ އެވެ. އަހަރަކު 100-150 ޔޮޓު އުލިގަމުގައި ބަނދަރު ކުރާއިރު، އެ ޔޮޓުތަކަށް އެކަށީގެންވާ ގޮތެއްގައި މިހާތަނަށް ހިދުމަތް ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ