ގައުމީ ނެޓްބޯލް ޗެމްޕިއަންކަން ކުލަބު މެޓްރިކްސްއަށް

ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 22ވަނަ ގައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކުލަބު މެޓްރިކްސްއިން ހޯދައިފިއެވެ. މިދިޔަ މަހުގެ 17އިން 29އަށް ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން މެޓްރިކްސް ހޯދާފައިވަނީ ފައިނަލުގައި ކުލަބު ގްރީން ސްޓްރީޓްސްއާ ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ހަތަރު ކުއާޓަރުގައި ވެސް ބޮޑު ލީޑެއްގައި އޮތް މެޓްރިކްސް މި މެޗު ކާމިޔާބުކުރީ 53-26 ޕޮއިންޓުންނެވެ. މީގެއިތުރުން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެން ސްޕޯޓްސް އެވެ. އެ ޓީމު ޗެމްޕިއަންކަން ހޯދީ އެމްވީ ނެޓާސްއާ ވާދަކޮށް 34-31ގެ ވާދަވެރި ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އެއާއެކު އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނަށް ހޮވިފައެވެ. މުބާރާތުގެ ފުރަތަމަ ޑިވިޝަނުން އެންމެ މޮޅު ކޯޗަކަށް ކުލަބު މެޓްރިކްސްގެ ނީޝާ ހަލީމް ހޮވުނުއިރު ދެވަނަ ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކީ އެން ސްޕޯޓްސް އެޑަޑެމީގެ އާއިޝަތު ޝިފާއުއެވެ. ފުރަތަމަ ޑިވިޝަން ފައިނަލަށްފަހު ދެ ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިން ވަނީ ހޮވާފައެވެ. އެގޮތުން 21 އަހަރުންދަށުގެ ފުރަތަމަ ޑިވިޝަނުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ ކޭވައިއާރުސީގެ އާމިނަތު ޒީނާއެވެ. ދެވަނަ ޑިވިޝަނުގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން 21 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެން ސްޕޯޓްސް އެކެޑެމީގެ ޒުބީ އަހުމަދު ސައުދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ