އިންޑިއާގައި އޮބޭސިޓީއާ ދެކޮޅު ކެމްޕޭނަށް ގިނަ ފަންނާނުންތަކެއް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން ކުރިއަށްގެންދަވާ ހޭލުންތެރިކުރުމުގެ ކެމްޕޭނަކަށް އިންޑިއާގެ ފިލްމީ ދާއިރާގެ ފަންނާނުންތަކެއް ނޮމިނޭޓް ކުރައްވައިފިއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެކްސް އެކައުންޓު މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޮބޭސިޓީއަށް އާއްމުން ހޭލުންތެރި ކުރުމަށް ހިންގަވާ ކެމްޕޭނަށް ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު މޯހަންލާލް، ބޮލީވުޑް އެކްޓަރު އާރް މާދަވަން (މެޑީ) އަދި ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް ނޮމިނޭޓް ކުރައްވާފައިވާ ކަމަށެވެ. މި ފަންނާނުންނާ އެކު ބޮޑުވަޒީރު ކުރިއަށްގެންދަން ނިންމެވި މި މިޝަންގައި މަސައްކަތް ކުރުމަކީ ލިބިލެއްވި ވަރަށް ބޮޑު އުފަލެއް ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ އިތުރުން އޮބޭސިޓީއަށް ގިނަ ބަޔަކު ހޭލުންތެރި ކުރުމަށް ހިންގާ މި ކެމްޕޭނަށް އިންޑިއާގެ ނުފޫޒުގަދަ ސިޔާސީ ލީޑަރުންނާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ޝަހުސިއްޔަތުންގެ އިތުރުން އިންޑިއާގެ ޖަންމޫ އަދި ކަޝްމީރަށް ނިސްބަތްވާ މަތީ ފަންތީގެ ފަރާތްތައް ވެސް ވަނީ ނޮމިނޭޓް ކުރައްވާފައެވެ. އިންޑިއާގެ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލް--ފޮޓޯ/ބޮލީވުޑްހަންގާމާ ބޮޑުވަޒީރުގެ އެކްސް ޕޯޓުގައި ބަޔާންކުރެއްވި ގޮތުގައި މި ކެމްޕޭނަކީ އޮބޭސިޓީއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ކާބޯތަކެތީގައި ބޭނުންކުރާ ތެލުގެ މިންވަރު މަދުކުރުމަށް އާއްމުން ހޭލުންތެރި ކުރުމުގެ މަޤްސަދުގައި ފެއްޓެވި ކެމްޕޭނެކެވެ. ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ނޮމިނޭޓް ކުރެއްވި ކޮންމެ ފަރާތެއްގެ ކިބައިން ވެސް އެދިވަޑައިގެންފައިވަނީ އެއިން ކޮންމެ ފަރާތަކުން ވެސް އިތުރު 10 މީހަކު މި ކެމްޕޭނަށް ނޮމިނޭޓްކޮށް ދިނުމަށެވެ. ރޭޑިއޯ މެދުވެރިކޮށް އިންޑިއާގެ ބޮޑުވަޒީރު އެ ޤައުމުގެ އާއްމުން ރައްޔިތުންނާ މުހާތަބް ކުރައްވާ "މަންކީ ބާތު" ޕްރޮގްރާމްގައި ވިދާޅުވެފައިވަނީ ކެއުމަށާއި ކެއްކުމަށް ބޭނުންކުރާ ތެލުގެ މިންވަރު މިހާރު ބޭނުންކުރާ މިންވަރު 10 އިންސައްތަ މަދުކުރުމަށެވެ. އިންޑިއާގައި ދާދިފަހުން ކުރެވުނު ދިރާސާއެއްގައި ދައްކާ ގޮތުން ކޮންމެ އަށް މީހަކުން އެކަކީ އޮބޭސިޓީ ތަހައްމަލުކުރާ މީހެއް ކަމަށާއި އެކަން ހުއްޓުވޭނީ އެންމެން ގުޅިގެން އެކަމަށް އެއްބާރުލުންދީ އާއްމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ފެށުމުން ކަމަށް ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ