މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން ބައެއް ކޮންޓްރެކްޓްތައް ހަދަނީ އެއްވެސް ޕްލޭނެއް ނެތި، މާ އަގުބޮޑުކޮށް ކަމަށާއި އެ ކޮންޓްރެކްޓްތައް އެމްޑީޕީގެ ސަރުކާރަކުން ބަލައިނުގަންނާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ޖަލްސާގައި އަމީރު އިޝާރާތްކުރެއްވީ، މިއަދު ހެނދުނު ދެ ގަޑިއިރު ވަން ދެން ރައްޔިތުންގެ މަޖިލީހުގައި ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ބައެއް މަޝްރޫއުތަކަށެވެ.
ބުނީ ކީކޭ؟ - އަމީރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭހެން އިއުލާންކުރި ގިނަ މަޝްރޫއުތަކަކީ ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި ރާވާ މަޝްރޫއުތަކެއް ކަމަށެވެ.
ސަރުކާރުގެ މަޝްރޫއުތަކުން ކޮރަޕްޝަން ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި ވެސް އަމީރު ވާހަކަ ދެއްކެވި އެވެ. ފަސް އަހަރު ވެރިކަން ކުރަން ފުރުސަތު ލިބުމުން ސަރުކާރުގެ ކޮންމެ ދިމާއަކުން ވެސް ވިސްނުން ހުރީ އަގުބޮޑުކޮށް މަޝްރޫއުތަކެއް ހިންގައިގެން ފައިސާ ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ކައިރީގައި ވިޔަފާރިވެރިއަކު ވެސް ބުނި 10 މިލިއަން ރުފިޔާއަށް ހިންގޭ މަޝްރޫއުތައް ވެސް ކޮންޓްރެކްޓް ކުރަނީ 70 މިލިއަން ރުފިޔާއަށޭ. މި ދަންނަވަނީ މި ކޮންޓްރެކްޓްތަކަށް އެމްޑީޕީގެ ސަރުކާރަކުން އޮނާއެއް ނުކުރާނަން. ބަލައެއް ނުގަންނާނަން،" އަމީރު ވިދާޅުވި އެވެ.
އަމީރު ދެން ތުހުމަތުކުރެއްވީ ސަރުކާރުގެ ވިސްނުންތައް ހުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލަކުން ބައެއް މަޝްރޫއުތަކަށް ކޮންޓްރެކްޓަރުން ގެނެސް މަޝްރޫއުތަކަށް ހަތަރު އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށް އެއްބަސްވުންތަކުގައި ސޮއިކުރުން ކަމަށެވެ. އެފަދަ ކޮންޓްރެކްޓްތައް ވެސް ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޭފުޅުންގެ ވިސްނުން ހުރީ. ޗައިނާއިންނާއި އެހެން ބައެއް ތަންތަނުން ވެސް ކޮންޓްރެކްޓްތައް ގެނެސްގެން. ހަތަރު އަހަރު ފަހުން ފައިސާ ދައްކާ ގޮތަށް. އަޅުގަނޑު ހަމަ ދަންނަވާލާނަން އިންވެސްޓަރުންނަށް. އަޅުގަނޑުމެންގެ ސަރުކާރު ދެން އަންނާނީ. އަޅުގަނޑުމެން މި ކޮންޓްރެކްޓްތަކަށް އޮނާއެއް ނުކުރާނަން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހައުސިން މަޝްރޫއުތައް ހިންގަން ކޮންޓްރެކްޓަރުން ހޯދަން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުން ވެސް ސަރުކާރުގެ ޕްލޭނެއް ނެތް ކަން އެނގުނު ކަމަށެވެ.
"ކޮންޓްރެކްޓަރު އަމިއްލައަށް ވިސްނަންވީ އަމިއްލަ ވިސްނުމުގައި ފައިސާ ވެސް ހޯދަންވީ. ކޮންޓްރެކްޓަރު ބުނަންވީ ކުރާނީ ކިހިނެއް ކަން. ސަރުކާރުގެ ނެތް އެއްވެސް ޕްލޭނެއް. ބަޖެޓްގައި ނެތް ފައިސާއެއް ވެސް. އެއީ ވާނެ ކަމެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލުނުކުރޭ،" އަމީރު ވިދާޅުވި އެވެ.
މިއީ ބޯހިޔާވަހިކަމުގެ ބަޖެޓްގެ ގޮތުގައި ސަރުކާރުން ސިފަކުރި ނަމަވެސް މަޝްރޫއުތައް ހިންގޭ ވަރުގެ ބަޖެޓެއް ޖަހާފައި ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މި އަހަރަށް ވުރެ މަތީ އަދަދެއް ކުރީގެ އަހަރުތަކުގައި ވެސް ޖެހި ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި:
2022 - 3 ބިލިއަން
2023 - 3.4 ބިލިއަން
2024 - 3.4 ބިލިއަން
2025 - 2.1 ބިލިއަން
ސަރުކާރުގެ ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފުރަތަމަ އަހަރުގެ ތެރޭގައި ނުނިމުމުން ވެސް ރޭވުންތެރިކަން ނެތް ކަން ހާމަވި ކަމަށް އޭނާ ވިދާޅުވި އެވެ. އެއް އަހަރުގެ ތެރޭގައި ފަސް އަހަރުގެ ޕްލޭނެއް ނުނިމުނު ބަޔަކަށް20 އަހަރުގެ ތަރައްގީގެ މާސްޓާ ޕްލޭނަށް ރަނގަޅު ޕްލޭނެއް ނުހެދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕްލޭނެއް ނެތި ހަދަމުންދާ ކޮންޓްރެކްޓްތައް އެމްޑީޕީ ސަރުކާރުން ބަލައިނުގަންނާނަން: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ